ދިޔާނާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެންމެ އިސްފަރާތާއި މެދު ސުވާލު އުފެދި އެކަމުގެ ބަހުސް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގައި ވާގޮތުން އެމްޑީޕީގެ ވެރިކަމެއް އޮންނައިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ފަރާތަކީ އެޕާޓީއަށް ނިސްބަތްވާ ފަރާތެއްނަމަ އެއީ ޕާޓީގެ އެންމެ އިސްފަރާތް ކަމުގައި ބުނެފައިވެ އެވެ. މިހާލަތުގައި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ޗެއާޕާސް ހަސަން ލަތިފް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައެވެ.
މިމައްސަލައިގައި ދިޔާނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެޕާޓީގެ އަސާސީ ގަވައިދު މާނަކުރިގޮތް ރަނގަޅުކަމަށް ފެންނަ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަކީ ޕާޓީގެ އެންމެ އިސްފަރާތްކަމުގައި ކަނޑައަޅާފައި އޮތްކަމުގައި ވީނަމަވެސް އެއީ އޮނަރަރީ ދަރަޖައެއް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ޕާޓިގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަކީ ޕާޓީ ހިންގަވާ ފަރާތްނޫން ކަމަށް ވެސް ދިޔާނާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ދިޔާނާ ވިދާޅުވެފައިވަނީ ޕާޓީ ހިންގެވުމުގެ ޒިންމާ އޮތީ ޕާޓީގެ ރައީސަށް ކަމުން ޕާޓީ ހިންގަވާ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް ކަމަށެވެ.