އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި ކޮވިޑް-19 ގެ އެމެޖެންސީ ސެންޓަރު (ދަރުބާރުގެ) އަށާއި، ބައެއް އައިނޮވޭޝަން ފެސިލިޓީތަކާއި އަދި ބިދޭސީން ވަގުތީ ގޮތުން ބަހައްޓާފައި ހުރި ފެސިލިޓީތަކަށް ކެއުންބުއިމުގެ ހިދުމަތް ފޯރުކޮށް ދިނުމަށް އެންޑީއެމްއޭ އިން އެކިއެކި ފަރާތްތަކާއި ހަވާލުކޮށްފައިވެ އެވެ.
އެގޮތުން ހަވާލުކުރެވުނު ފަރާތް ތަކާއިއެކު ހަދާފައިވާ އެއްބަސްވުން ތަކުގައި ވާގޮތުން ފައިސާ ދައްކަންޖެހޭނީ ކޮންމެ ދުވަހެއްގެ ކެއުމުގެ ކޮންމެ ވަގުތަކަށް އޯޑަރު ކުރާ މީހުންގެ އަދަދަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ރޭޓަށެވެ. އެހެންކަމުން، ކެއުމުގެ ކޮންމެ ވަގުތެއްގައި ކެއުން ހަމަޖައްސަންޖެހޭ މީހުންގެ އަދަދު ސަޕްލަޔަރަށް އަންގަންޖެހޭނެ އެވެ.
އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް ރިޕޯޓް ނެރުމާއެކު ދަރުބާރުގޭގައި އެންޑީއެމްއޭ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް، އުމަރު މޫސާ ފިކްރީ ވިދާޅުވީ ކާގަޑިތަކުގައި ކެއި މީހުންގެ އަދަދު ރަނގަޅަށް ނޭނގޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ކަމަށެވެ. އެކަމަކު ދަރުބާރުގެއަށް ވަންނަ މީހުންގެ އަދަދުތައް ބަލަމުން އަންނައިރު އެ އަދަދުތައް ވެސް އޮޑިޓާ ޖެނަރަލް އޮފީހާ ހިއްސާކޮށްފައިވާ ކަމަށާއި އަދި ކޭޓަރިންގެ ހިދުމަތަށް ފައިސާ ދައްކަނީ ކޮންމެ ދުވަހަކު ކެއި މީހުންގެ ޑެލިވަރީ ނޯޓް ލިބުމުން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ޑެލިވަރީ ނޯޓް ލިބުމާއެކު އެ ދުވަހެއްގައި ކެއި މީހުންގެ އަދަދުތައް އެނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ދަރުބާރުގޭގެ އިތުރުން އެކި ފެސިލިޓީތަކުގައި ވެސް އަމަލުކުރަމުން އައީ ހަމަ އެ އުސޫލުން ކަމަށެވެ. ފެސިލިޓީ މެނޭޖަރުން އެތަންތަނުގައި ތިބޭ މީހުންގެ ބޭނުންތަކަށް ބެލުމަށް ފަހު ކެއުން ބުއިމުގެ އިންތިޒާމުތައް ހަމަޖައްސާކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ރަނގަޅަށް އޮކިއުޕަންސީ ބަލަހައްޓާފައި ނުވާ ކަމަށް ވެސް އޮޑިޓްގައި ބުނެފައިވާ ކަމަށެވެ.
އެގޮތުން އެޑްމިޓްކުރާ މީހުންގެ އަދަދުތައް އެނގެން އޮތަސް ޑިސްޗާޖުކުރެވޭ މީހުންގެ އަދަދުތައް ވެސް އެނގެން ނެތް ކަމަށް އޭގައި ބުނާ ކަމަށެވެ. އުމަރު ވިދާޅުވީ އެކަމަކު އެ މައުލޫމާތުތަކަކީ އެންއީއޯސީން ވަރަށް ރަނގަޅަށް ކޮންމެ ދުވަހަކު ބަލަހައްޓަމުންދިޔަ މައުލޫމާތު ކަމަށާއި އެ މައުލޫމާތަކީ އާންމުވެސްކުރަމުންދިޔަ މައުލޫމާތުތަކެއް ކަމަށެވެ.
އޭގެ އިތުރުން، އެކި ވަގުތުތަކުގައި ތަފާތު އެކި އަދަދުތަކަށް މީހުން ކައިބޮއެ ހަދާފައި ހުންނާތީ އެކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އުމަރު ވިދާޅުވީ އެ އަދަދުތައް އެގޮތަށް ދިމާވަނީ ފެސިލިޓީތަކުން ޑިސްޗާޖު ކުރެވޭ އަދަދާއި އެޑްމިޓްކުރާ އަދަދުތަކަކީ ކޮންމެ ދުވަހަކު ވެސް ބަދަލުވާ އަދަދުތަކެއް ކަމަށެވެ.