މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަނާއި ގުޅިގެން ހަރަކާތްތެރިވި މީހުންނަށް އެކޮމޮޑޭޝަން ހަމަޖައްސާފައިވަނީ އެއްބަސްވުމެއް ނެތިކަމަށް ބުނިނަމަވެސް މިމަސައްކަތް ހިނގަމުން ދިޔައިރު ގެސްޓުހައުސްތަކުން ހިދުމަތް ހޯދާކަން ކަށަވަރު ކޮށްފައިވަނީ އެގެސްޓުހައުސްތަކަށް މީހުން ބޭތިއްބުމުގައި ކަނޑައަޅާފައިވާ ރޭޓުތަކަކަށް އެއްބަސްވެވިގެން ކަމަށެވެ.
ގެސްޓުހައުސްތަކުގައި މީހުން ބޭތިއްބުމުގެ އުސޫލެއް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔާލާ ހަދަފައިވާ ކަމަށާ ގެސްޓުހައުސްތަކުގައި ފްރަންޓުލައިން އޮޕަރޭޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން ތިބޭނީ ކޮންފަރާތްތަކެއްކަން އަދި ކޮން އިދާރަތަކެއްކަންވެސް ވަނީ ކަނޑައެޅި ފައިނަލް ކުރެވިފައި ކަމަށް ހިސާން ވިދާޅުވިއެވެ.
އެގޮތުން ކޮޓެރިތަކުގެ އަގުތައް ހަމަޖެއްސުމުގައި ފުލްބޯޑު އަދި ޝެއާ ކުރާކޮޓެރި އަދި ރޫމް ލޯންޑަރީ ސަވިސްއާއި އެކު އަގު ހިމެނޭ ގޮތަށާ ދުވާލަކަށް ކޮޓެރީގެ އަގު އެކަނި ހިމެނޭ ގޮތަށް އުސޫލުގައި ކަނޑައަޅާ ފައިނަލް ކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ މިއުސޫލާ ގުޅޭ ކަންކަން އޮޑިޓް އޮފީހަށް ހިއްސާ ކުރިކަމަށެވެ.
ހިސާން ވިދާޅުވީ ގެސްޓުހައުސްތަކުން ހިދުމަތް ހޯދުމުގެ ކުރިން އެގެސްޓުހައުސްތަކާއި އެކު މުއާމަލާތްކޮށް ހޯދަން ބޭނުންވާ ހިދުމަތުގެ ކޯޓޭޝަން އެންޑީއެމްއޭ އިން ހޯދާފައިވާ ކަމަށެވެ.
ހިސާން ވިދާޅުވީ ގެންޓުހައުސްތަކުގައި ތިބި މީހުން ކަށަވަރު ކުރެވިފައިނުވާކަމަށާ ގެސްޓުހައުސްތަކުގައި ތިބީ މީހުންނާ ރޫމް އޮކިއުޕެންސީ އެއްގޮތަކަށްވެސް ބަލަހައްޓަފައި ނުވާކަން ފާހަގަކޮށްފައިވީ ނަމަވެސް 85 އަށް ވުރެ ގިނަ ގެސްޓުހައުސް ތަކުގައި 1700 އެއްހާ މީހުން ބަލަހައްޓާފައިވާއިރު މިއަދަދު ގެސްޓުހައުސްތަކަށް މީހުންކަނޑައާޅާ އެތަންތަނުގައި ތިބޭ މީހުން ނިންމާފައި ވަނީ އެ އިދާރާއަކުން ކަމަށެވެ.
އެންޑީއެމްއޭ އިން ގެސްޓުހައުސްތަކަށް ފައިސާ ދައްކާފައިވާނީ އެ ހިދުމަތް ހޯދާފައިވާ ލިސްޓުތަކާ އަދި އޮކިއުޕެންސީއާއި ގެސްޓުހައުސްތަކުން ލިބިފައިވާ ލިސްޓުތައް ކަށަވަރުކުރުމަށް ފަހު ކަމަށް ހިސާންވިދޅާުވިއެވެ.
ހިދުމަތް ހޯދާފައިނުވާ ކޮޓަރިއަށް ފައިސާ ދައްކަފައިވާކަމަށް ބުނެފައިވާއިރު ހިސާން ވިދާޅުވީ ބައެއް ފަރާތްތަކުން ގެސްޓުހައުސްތަކުގައި ކޮޓަރި ހަމަޖައްސާފައި ވީނަމަވެސް އެކޮޓަރިތަކުން އެހެން ކޮޓަރިތަކަށް މީހުން ބަދަލުވެފައިވާ ކަމަށެވެ.
ހާއްސަކޮށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރެއްވި އަންހެން ކުދިން ދެބޭފުޅުން އެއްކޮޓަރިއަކަށް ބަދަލުވި ކަމަށް ހިސާން ވިދާޅުވިއެވެ.
އެހެންނަމަވެސް އެމުއްދަތުގައި ނަގާފައިހުރި ކޮޓަރިތަކަކީވެސް ހިދުމަތަށް ބޭނުންކުރުމަށް ނަގާފައިހުރި ކޮޓަރިތަކެއް ކަމުން އެކޮޓަރިތަކަކީ ރަސްމީކޮށް ބޭނުންކުރާ ގޮތަށް ހުރި ކޮޓަރިތަކެއް ކަމަށާ އެތަންތަނަށް ފައިސާދެއްކުމުގެ ކަންކަން އެންޑީއެމްއޭއިން ކުރަމުން ގެންދިޔަ ކަމަށް ހިސާން ވިދާޅުވިއެވެ.
އެހެންވީމާ އުސޫލްތަކާ ހިލާފަށް އެއްވެސް ހަރަދެއް ކޮށްފައިނުވާ ކަމަށް ހިސާން ވިދާޅުވިއެވެ.