އެންޑީއެމްއޭ އިން އެގޮތަށް ބުނެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އޮޑިޓާ ޖެނަރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ގައި ބަލި މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމުމާއެކު ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާޗުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ހުޅުމާލެއިން ޖުމްލަ 42,071 (ސާޅީސް ދެހާސް ހަތްދިހަ އެކެއް) އަކަ ފޫޓުގެ ބިމާއި އެ ބިމުގައިވާ އިމާރާތްތައް އެން.ޑީ.އެމް.އޭ އާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެކަމަކު އެ ބިމަކީ އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކުން ދޫކޮށްފައިވާ، 4.3 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއްކަމަށާއި އެ ލޯނު ނެގި ފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު އިތުރަށް ދިގުލައިގެންދާނަމަ އަމިއްލަ ފަރާތެއްގެ ބިމަކަށް ދައުލަތުން އިތުރު ހަރަދުކުރަން ޖެހި، ބިމާއި އިމާރާތުގެ މިލްކުވެރިޔާއާ މެދު ގާނޫނީ ގޮތުން ނިކުމެދާނެ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރިއަށް ގެންދަން އޮޑިޓް ރިޕޯޓުގައި ލަފާދެ އެވެ.
އެ އޮޑިޓް ރިޕޯޓާއި ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، އެ ފެސިލިޓީ ގާއިމުކުރީ ރާއްޖެއަކީ ނާޒުކު ގައުމަކަށްވެފައި މިހާރުން މިހާރަށް ހުންނަން ޖެހޭ ފެސިލިޓީއެއް ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ. އެގޮތުން ޑޮކްޓަރުންގެ ޓީމާއި އެކި އެޖެންސީތައް ގުޅިގެން ފެސިލިޓީ ގާއިމުކުރާނެ ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން ގޮސް ހުޅުމާލޭ ފޭސް ދޭއްގައި ހުރި އެސްޓީއޯ ހިޔާ ފެސިލިޓީއާއި އަދިވެސް އެ ނޫން އިމާރާތްތައް ބެލުން ކަމަށެވެ.
އެކަމަކު ޓްރީޓޮފާއި އިންވެގެން ހުރި ހުސް ބިމެއްގައި އެ ފެސިލިޓީ ހަދަން ނިންމާއި ތިން މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. ހިސާން ވިދާޅުވީ އެ އެއްބަސްވުމުގެ މުއްދަތު ދަންމަލާވޭނެ ގޮތްތައް ވެސް ރާވާފައިވާ ކަމަށެވެ.
އެތަނުގައި ފެސިލިޓީ ހަދަން ނިންމި ސަބަބު ބަޔާންކޮށް ހިސާން ވަނީ ފަސް ކަމެއް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ތިން ސަތޭކައެއްހާ މީހުންނަށް ފަރުވާދެވޭނެ ޖާގަ ހުރި ތަނެއްތޯ ބެލުމާއި އިމާރާތުގެ ބޮޑު ބައެއް ނިމިފައި ހުރުމުގެ ސަބަބުން އަލުން ތަނެއް އިމާރާތް ކުރަން ޖެހުން ފާހަގަކުރެއްވި އެވެ. އަދި ހަރަދުތައް ކުޑަކުރުމާއި މާލެ އާއި އެއްގަމުން ގުޅިފައިވާ ތަނެއް ކަމުން، ޑޮކްޓަރުންނަށް ފަސޭހައިން ކައިބޮއެ ނިދޭނެ އިންތިޒާމު ހަމަޖެއްސުމާއި ޓްރީޓޮޕް ހޮސްޕިޓަލާ ވެސް ކައިރީގައި ހުރުމުން ބަލި މީހުންނަށް ހިދުމަތް ދިނުން ފަސޭހަވުން ފާހަގަކުރެއްވި އެވެ.
ހިސާން ވިދާޅުވީ އެތަނަކީ ދައުލަތުން ކުއްޔެއް ދައްކަން ޖެހޭ ތަނެއް ނޫން ކަމަށާއި ދައުލަތަށް އެއްވެސް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެތަނަށް ހަރުމުދާ ހޯދާފައިވާއިރު ރަޖިސްޓްރީއެއް ލިޔެ ބަލަހައްޓާފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްކުރާ ފާހަގަކުރާތީ ހިސާން ވިދާޅުވީ އެތަނަށް ހޯދި ސާމާނަށް އިންވެންޓްރީ ބަލަހައްޓާ ކަމަށާއި އެކަން ވެސް އޮޑިޓަށް ހިއްސާކުރި ކަމަށެވެ.