ހައިކޯޓުން ބުނީ މިއަދަށް ތާވަލުކޮށްފައިވާ މައްސަލަ ކެންސަލް ކުރަން ޖެހުނީ، މައްސަލައިގެ ދައުވާ ލިބޭ އިބްރާހީމް ޝާހު ހޯމް ކަރަންޓީނުގައި ހުރުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހު ހުރީ މި މަހުގެ އެގާރަވަނަ ދުވަހުން ފެށިގެން ހޯމް ކަރަންޓީނުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހުވެސް ހިމެނޭ ގޮތަށް ވިއްސަކަށް މީހުން ތިބީ ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައެވެ.
މި މައްސަލަ ހުސްވި ހަފުތާ ތެރޭވެސް ހައިކޯޓުގައި ބޭއްވުމަށް ތާވަލު ކުރި ނަމަވެސް އެ ދުވަހުވެސް ޝާހު ހާޒިރު ނުކުރެވިގެން މައްސަލަ ކެންސަލްވީއެވެ. މި މައްސަލަ މިހާރު އޮތީ ހުކުމާއި ހިސާބަށް ގޮސްފައެވެ.
ޝާހުގެ ފަރާތުން ލިބުނު ކަމަށް ތުހުމަތު ކުރެވޭ އަނިޔާތަކަށް ފަރުވާ ދެވެމުންދަނިކޮށް އޭނާގެ ކުރީގެ އަނބިމީހާވަނީ ނިޔާވެފައެވެ. މި މައްސަލައިގައި އޭނާއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރެވުނު ދައުވާތައް އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ.
އެ މައްސަލާގައި ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ރޭޕްގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުދާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ. އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.