ads
ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް
ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނިގެންދިޔަ ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 33 މިލިއަނުން މައްޗަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައި މިވަނީ ރޭގެ ވަގުތެއްގަ އެވެ. 

ކޮވިޑާއެކު މުޅި ދުނިޔޭގެ އިގްތިސޯދަށް ބޮޑު ލޮޅުމެއް އައިސްފައިވާއިރު އެ ބަލީގެ އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ އަވަށްޓެރި އިންޑިއާ އާއި ބްރެޒިލް އަދި އެމެރިކާ އަށެވެ. ދުނިޔޭގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން ދަތުރުފަތުރު ހުއްޓި ފަތުރުވެރިންނަށް ވެސް ގޭގައި މަޑުކުރަން މަޖުބޫރުވެގެން ދިޔައީ ބަލި ފެތުރެމުންދިޔަ ހަލުވި މިނުގެ ސަބަބުން ގައުމުތަކުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ. 

ބައެއް ގައުމުތަކުން ލޮކްޑައުނަށް ދިއުމާއެކު ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިގެން ދިޔަ ނަމަވެސް ލުއިތަކާއެކު އަނެއްކާ ވެސް ބަލި ޖެހޭ މީހުންގެ އަދަދުތައްދިޔައީ އިތުރުވެގެންނެވެ. 

ބައެއް ގައުމުތަކުގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ކޮވިޑުގައި އެންމެ ގިނަ ބަޔަކު މަރުވި ގައުމުގެ ގޮތުގައި އޮތީ އެމެރިކާ އެވެ. އެގޮތުން އެމެރިކާ އިން މަރުވި މީހުންގެ އަދަދު ދެ ލައްކައަށް ވުރެ މަތީގައި އުޅޭއިރު ދެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ބްރެޒިލް އަދި އިންޑިއާ އާއި މެކްސިކޯގެ އިތުރުން ޔޫރަޕުގެ ގައުމުތަކުންނެވެ.

ދުނިޔެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިލިއަނަކަށް އަރާފައިވާއިރު ކޮވިޑް-19 އަށް ކާމިޔާބު ވެކްސިނެއް ހޯދުމުގެ ކުރިން އެ ބަލީގައި ދެ މިލިއަނެއްހާ މީހުން މަރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ލަފާކޮށްފަ އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖަންސީ ޕްރޮގްރާމުގެ ހެޑް، ޑރ. މައިކް ރަޔާން މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް ހޯދި، ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކު އެ ބޭނުންކުރަން ފެށުމުގެ ކުރިން އެބަލީގައި ދެ މިލިއަން މީހުން މަރުވުން އެކަށީގެންވާ ކަމަށެވެ. 

ކޮވިޑާއި ދެކޮޅަށް ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ ކުރިއަށެވެ. އެގޮތުން ބައެއް ވެކްސިންތައް އަންނަ އަހަރުގެ ތެރޭގައި ބޭނުންކުރެވޭވަރުވާނެ ކަމަށް އެ އުފައްދާ ގައުމުތަކުން ލަފާކުރެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް