މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް މަޝްވަރާއަށް އެހި އެހުމާއި މެދު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސުވާލު އުފައްދަވައިފި އެވެ.

Advertisement
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އައްޔަނު ކުރުމަށް މަޝްވަރާއަށް އެހުމުން، ކޮމިޝަންގެ މަސައްކަތްތަކަށް ވާނޭ ގޮތަކާއި މެދު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސުވާލު އުފައްދަވައިފި އެވެ.
ރައީސް ސޯލިހް އިއްޔަ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ، އުއްތަމަފަނޑިޔާރުގެ މަގާމަށް މ.ގުލްފާމްގެ އަޙްމަދު މުޢުތަޞިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ޙުސްނުއްޞުއޫދާޢި މ.ވޭސައިޑް.ޢަބްދުއްރައޫފް އިބްރާހީމް ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާއަށް ފޮނުވާފައިވާކަމަށެވެ.
ރައީސް ސޯލިހްގެ އެ ޓްވީޓާއި ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ، މަރުތަކާއި ބެހޭ ކޮމިޝަންގެ މަސައްކަތްތައް އަދި ނުނިމޭކަމަށެވެ. އަދި އެ މަސައްކަތްތައް ނުނިމެނީސް ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމުން ކޮމިޝަންގެ މަސައްކަތްތަކަށް ވާނޭ ގޮތަކާއި ގުޅޭގޮތުން ހަސަން ލަތީފް ސުވާލު އުފެއްދެވިއެވެ.
ރައީސް ސޯލިހް މަރުތަކާއި ބެހޭ ކޮމިޝަން އުފެއްދެވިތާ އަހަރެއް ވެފައިވާއިރު، އެ ކޮމިޝަނުން މިހާތަނަށް ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައާއި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އާންމު ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް ސޯލިހް، ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވާ ސުއޫދަކީ ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ބަންޑާރަނައިބް ކަމާއި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އައްޑު އަތޮޅުގެ މެންބަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ.