ކުރީގެ ޑެޕިއުޓީ ބޮޑުވަޒީރު އެލްކޭ އަދްވާނީ އަދި ބީޖޭޕީގެ ލީޑަރުން ކަމަށްވާ އެމްއެމް ޖޯޝީ އަދި އުމާ ބަރްތީ ވަނީ ބާބްރީ މިސްކިތް ތަޅާލުމުގައި ބައިވެރިވިި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ސޯޅަވަނަ ގަރުނުން ފެށިގެން ހުރި އެ މިސްކިތް ތަޅާލުމަށް ހިންދޫންނަށް ހިތްވަރު ދިނީ އެމީހުން ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.
އެ މިސްކިތް ތަޅާލުމާއެކު މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ބޮޑު ހަމަނުޖެހުންގަނޑެއްގައި 2000 އެއްހާ މީހުން މަރުވި އެވެ. އެ ހާދިސާ ވެގެން ދިޔެއީ ކަނާތު ފިޔައިގެ ހިންދޫންނަށް ސިޔާސީ މައިދާނަށް ވަނުމަށް ލިބުނު ފުރުސަތަކަށެވެ.
މިނިވަން ކޮމިޝަނަކާއި ފެޑެރަލް އެޖެންސީއަކުން އެ ހާދިސާ ތަހުގީގު ކުރުމަށް ފަހު ނިންމާފައި ވަނީ ހިންދޫން ރުޅިގަދަ ކުރުވީ ބީޖޭޕީގެ ވެރިން ކަމަށެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު އަތުލް ބިހާރީ ވަޖްޕާޔީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ މައްސަލާގައި 1993 ވަނަ އަހަރު ވަނީ 49 މީހަކާ ދެކޮޅަށް ދައުވާ އުފުލާފަ އެވެ. އޭގެ ތެރެއިން 17 މީހަކު މިހާރު ވަނީ މަރުވެގެން ގޮސްފަ އެވެ.
މިއަދު އެ މައްސަލައިގެ ހުކުމް އިއްވަމުން ކޯޓުން ކަނޑައެޅީ އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އަދި އެ ހާދިސާއަކީ ރޭވުމެއް ކަމަށް ބުނެވޭނެ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައެޅި އެވެ.
އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑުން ބުނީ ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.
ކޯޓުން މިއަދު އިއްވި ހުކުމުގެ ސަބަބުން އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު މިހާރު އޮތް ނުތަނަވަސްކަން ބޮޑުވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މީގެ އަހަރެއް ކުރިން ވެސް އެ މިސްކިތުގެ މައްސަލާގައި ކޯޓުން ވަނީ މުސްލިމުންނާ ދެކޮޅަށް ގޮތް ނިންމާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެތައް ޒަމާނެއް ވަންދެން ހިޔާލު ތަފާތުވުން އޮތް އެ މިސްކިތް ހުރި ބިން ހިންދޫންނަށް ދިނުމަށެވެ.
އޭރު ކޯޓުން ބުނީ ބާބްރީ މިސްކިތް ތަޅާލުމަކީ ގާނޫނުގެ ބާރު ހިންގުން ކަނޑުވާލުމުގެ އަމަލެއް ކަމަށާއި އޭގެ ބަދަލެއްގެ ގޮތުގައި މުސްލިމުންނަށް މިސްކިތް އަޅަން އަޔޯދްޔާ ސިޓީން އެހެން ބިމެއް ދޭނެ ކަމަށެވެ.
ހިންދޫން ބާބްރީ މިސްކިތް ތަޅާލީ އެ ބިމަކީ އެމީހުންގެ މުހިިއްމު ފައްޅިއެއް ހުރި ބިން ކަމަށް ބުނެ އެވެ. އެ ބިމުގައި އަލުން ފައްޅި އެޅުމަށް މިދިޔަ އޯގަސްޓް މަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބިންގާ އަޅުއްވައިދެއްވާފަ އެވެ.