
ޖިއާންގެ މަރުގެ މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ ޝަފީގާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރިކަމުގެ ދައުވާ އެވެ.
ސިމެންތި ކޮތަޅެއް ބޮލަށްވެއްޓި ޖިއާން މަރުވި މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ ހިމެނޭގޮތަށް ހަ މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އެ މައްސަލަތަކުގައި ކްރިމިނަލް ކޯޓުގައި ދައުވާ ސާބިތު ނުވީ އެ ކުންފުނީގެ އެމްޑީ ޝަފީގްގެ މައްޗަށް އެކަންޏެވެ.
އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ޝަފީގުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެގޮތުން އެ ނުކުތާ އާ މެދު ގޮތެއް ނިންމަވަމުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ވިދާޅުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ ކުންފުނިތަކުން ކުށުގެ ޒިންމާ އުފުލުމާ ބެހޭގޮތުން އޮންނަ ގާނޫނުލް އުގޫބާތުގައި 70 ވަނަ މާއްދާގެ މައްޗަށް އެކަނި ބިނާކޮށް ކަމަށެވެ. އެހެން ނަމަވެސް އެ މާއްދާ ދަށު ކޯޓުގައި ދައުލަތުން ފާހަގަނުކުރާ ކަމަށާއި އަދި ދައުވާގައި ވެސް އެ މާއްދާ އަށް ހަވާލާދީފައި ނެތް ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެއްބަސްވެފައިވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ދައުލަތުން ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް ހައި ކޯޓަށް ނުބެލޭނެ ކަމަށާއި އެފަދަ ނުކުތާއަކާ މެދު ހައި ކޯޓުން ގޮތެއް ނިންމައިފި ނަމަ، ޝަފީގުގެ އިސްތިއުނާފީ ހައްގަށް އުނިކަން އަންނާނެ ކަމަށެވެ. އެހެންކަމުން މިމައްސަލަ މައުޟޫއީ ގޮތުން ހައި ކޯޓުގައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނިންމާކަމަށް ބަޔާންކުރި އެވެ.