ކުރީގެ ފިރިމީހާގެ ފަރާތުން އަނިޔާތަކެއް ތަހައްމަލު ކުރި ގދ. ތިނަދޫއަށް ނިސްބަތްވާ ޒިޔާދާ ނައީމަށް ލިބުނު ޖިންސީ އަނިޔާތަކުގައި އޭނާ ވަނީ މަރުވެފަ އެވެ.
އެ މައްސަލާގައި ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ރޭޕްގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.
އެ ހުރިހާ ދައުވާތައް ވެސް ކްރިމިނަލް ކޯޓުން ސާބިތުވެފައެއް ނުވެ އެވެ.
އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވަނީ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުގައި މި މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ސަމީރެވެ.
ޝާހުއާ ދެކޮޅަށް ކޮށްފައިވާ ހަތަރު ދައުވާގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔެއީ ހަމައެކަނި އޮރިޔާންކާޑު ގެންގުޅުނު ކަމަށް ބުނާ މައްސަލަ އެވެ. ދެން ހުރި މައްސަލަތައް ސިއްރު ކުރީ ދައުލަތުން އެދިގެންނެވެ.
ހައި ކޯޓުގައި މި މައްސަލަތައް އިސްތިއުނާފު ކުރަމުން ޕީޖީގެ ވަކީލުން ބުނެފައި ވަނީ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ހެއްކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ ސާބިތުވާ ކަމަށެވެ. އޭގެ އުގޫބާތެއްގެ ގޮތުން ތިން އަހަރަށް ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ. ބާކީ އޮތް ތިން މައްސަލައިގެ ހުކުމް އަދި އިއްވާފައެއް ނުވެ އެވެ.