ޒިޔާދާ ނައީމް ރޭޕް ކުރި މައްސަލައިގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ހައިކޯޓުން މިއަދު ހުކުމް ކުރި އިރު، ފަނޑިޔާރުން ވަނީ ކައިވެނީގެ ތެރެއިން ކުރެވޭ ރޭޕާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. މިއީ ރާއްޖޭގައި ކައިވެނީގެ ތެރެއިން ކުރެވޭ ރޭޕްގެ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެ ހުކުމް ކުރި ފުރަތަމަ ފަހަރެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނުގައި ފިރިމީހާ އަނބިމީހާ "ރޭޕް" ކުރުން މާނަކޮށްފައިވަނީ އާންމު ހާލަތުގައި "ރޭޕް" ކުރުން މާނަކުރާ ގޮތަށް ނޫންކަން ގާނޫނަށް ބެލުމުން އިނގޭ ކަމަށެވެ.
އެގޮތުން އާންމު މާނައިގައި "ރޭޕް" ކުރުން މިލަފުޒު ބޭނުން ކުރެވެނީ ދެމަފިރިންކަމުގައި ނުވާ ދެމީހުންގެ މެދުގައި ރުހުމަކާ ނުލާ ކުރެވޭ ކަންތަކަށް ކަމަށާއި، އެހެން ނަމަވެސް ތިމާގެ އަމިއްލަ އަނބިމީހާއަކީ، ޖިމާއުވުމުގެ ހުއްދަ އޮންނަ ފަރާތަކަށްވާނީ، އަނބިމީހާއާމެދު ގަދަ ކަމުން އެފަދަ އަމަލެއް ހިންގުމަށް "ރޭޕްކުރުން" މި ލަފުޒު ބޭނުންކުރެވޭތީ ފަހަރުގައި އޮޅުމެއް އޮތުމަކީ ވެދާނެ ކަމެއްކަމަށް ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.
އެހެންނަމަވެސް މިއީ އާއްމު މާނައިގައި އޮންނަ "ރޭޕް" ގެ މާނައިގެ ތެރެއަށް ފެތޭގޮތަށް މާނަކުރަންޖެހޭ ގޮތަށްއޮތް ކުށެއް ނޫންކަން ޖިންސީ ކުށުގެ ގާނޫނަށް ބެލުމުން އެނގެން އޮންނަކަން ފަނޑިޔާރު ފާހަގަކުރައްވާފައިވެ އެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށްކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވަނީ، ވަކި އިސްތިސްނާ ހާލަތު ތަކެއް އޮއްވާ، އަނބިމީހާގެ ރުހުމާ ނުލައި، އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުން ކަން ރައުޔުގައި ބަޔާންކޮށްފައިވެ އެވެ.
ފަނޑިޔާރު ސަމީރުގެ ރައުގައި ވިދާޅުވެފައިވަނީ މިފަދަ ކަންކަމުގައި ބަލަންވީ ކުށަށް ކިޔާ ނަމަށް ނޫންކަމަށާއި އެހެން ނަމަވެސް އެ ކުރެވޭ އަމަލަށް ކަމަށެވެ. އަދި ގަދަކަމުން އަމަލު ހިންގަނީ އަމިއްލަ އަނބިމީހާއާ ދެކޮޅަށް ނަމަވެސް އެއީ ދެވޭ އަނިޔާއެއް ކަމަށް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ބުނެފައިވަނީ އަނބިމީހާގެ ފަރާތުން ޖިންސީ ގުޅުން ހިންގުމަށް ފިރިމީހާއަށް އެދެވޭ ފަދައިން އަނބިމީހާއަށްވެސް އެފަދައިން ފިރިމީހާގެ ގާތުގައި އެދުމުގެ ހައްގު އޮންނާނެކަމަށާއި މި ހައްގު ބޭނުން ކުރުމުގައި އެކެއްގެ މައްޗަށް އަނެކަކު ވެރިވެގަތުމެއް ނުވަތަ އިސްވުމެއް ނެތް ކަމަށެވެ.
ފަނޑިޔާރު ސަމީރުގެ ރައުޔުގައި ބުނެފައިވަނީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއްގެ ބޭނުންކޮށްގެން އެހެން މީހަކަށް ގެއްލުމެއް ދޭނަމަ ނުވަތަ ގެއްލުމެއް ލިބިދާނެ ކަމަށް ފެންނަ ނަމަ އެފަދަ ކަންކަން ހުއްޓުވަންޖެހޭނެ ކަމަށެވެ. އަދި ޖިންސީ ގުޅުން ހިންގުމަށް އޮންނަ ހައްގަށް ދެމަފިރިން ކުރެ ކޮންމެ ފަރާތަކަށްވެސް އިންކާރު ކުރުމުގެ ފުރުސަތު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެ އެވެ.
އިސްލާމީ ޝަރިއަތުގައި އެއްވެސް މީހަކަށް އަނިޔާއެއް ކުރުމަކީ ނަހީ ކުރައްވާފައިވާ ކަމެއްކަން ފާހަގަކޮށް ފަނޑިޔާރު ސަމީރުގެ ރައުޔުގައި ބުނެފައިވަނީ، އަނބިމީހާ ނުރުހިގެން ވަނިކޮށް އޭނާއާމެދު ގަދަކަމުން ޖިމާއުވުމަކީ އަނބިމީހާއަށް ދެވޭ ވަރަށް ބޮޑު ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެއް ކަމަަށެވެ. މީގެ އިތުރުން ފިރިމީހާ އަނބިމީހާ ރޭޕް ކުރުމަކީ ކުށެއްކަމަށް ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ފަނޑިޔާރު ރައުޔު ގެނެސްދެއްވާފައިވާއިރު ކީރިތި ގުރުއާނުންނާއި ހަދީޘްތަކުން ރައުޔު ގެނެސްދެއްވާފައިވެ އެވެ. އަދި ފަނޑިޔާރު ސަމީރުގެ ރައުޔަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ ދެންތިބި ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ.
ޒިޔާދާ ނައީމް ރޭޕް ކުރި މައްސަލައިގައި ހައިކޯޓުން ވަނީ އިބްރާހިމް ޝާހުގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.