ads
ވާހަކަ: ބާދު ޝާހު
ވާހަކަ: ބާދު ޝާހު
މަޑުމަޑުން ގޭތެރެއަށް ވަދެ ސަލާމް ގޮވައިލީމެވެ. ގޭތެރެއަށް އަލިކަން ލިބެނީ ދިއްލައިފައިވާ ފުޅިބައްތި އަކުންނެވެ. އެހައި ވެސް އަނދިރިއެވެ. އެހެންވެ އެތެރެއަށް ނުވަދެ މަޑުކޮށްލީމެވެ. ޖެހިލުންވެ ތިބެ ދޮރުކަނީގައި އަތްޖައްސައިލީމެވެ. މީހެއްގެ ހިލަންވުމުންނެވެ.
Advertisement
(ދެވަނަ ބައި)

މަޑުމަޑުން ގޭތެރެއަށް ވަދެ ސަލާމް ގޮވައިލީމެވެ. ގޭތެރެއަށް އަލިކަން ލިބެނީ ދިއްލައިފައިވާ ފުޅިބައްތި އަކުންނެވެ. އެހައި ވެސް އަނދިރިއެވެ. އެހެންވެ އެތެރެއަށް ނުވަދެ މަޑުކޮށްލީމެވެ. ޖެހިލުންވެ ތިބެ ދޮރުކަނީގައި އަތްޖައްސައިލީމެވެ. މީހެއްގެ ހިލަންވުމުންނެވެ.

މީހަކު ނުކުތެވެ. އެ މީހާގެ ގަމީހުގެ ގޮށްތައް ހުރީ މިނިވަންކޮށެވެ. އޮމާން ސާފު މޭމަތި ހާމަކޮށްލެވިފައެވެ. އަހަންނަށް ބަލައިލެވުނީ އެ މީހާގެ ބަނޑަށެވެ. ބަނޑުގެ ގޮޅިތައް ހުރީ ތަރުތީބު ކުރެވިފައެވެ. ހީވަނީ ހުނަރުވެރި މާވަޑިއެއްގެ ބުރަ މަސައްކަތްހެންނެވެ. އަހަންނަށް ބަލައިލެވުނީ އެ މީހާގެ މޫނަށެވެ. ލަސްލަހުންނެވެ. އެއީ ބާދުޝާޚެވެ. ބާދުޝާޚްގެ މޫނުމަތިން ހިތްދަތިކަން ފާޅުވަމުން ދިޔައެވެ. އެ ފުރިހަމަ ދެ ލޯ ވަނީ ހިސާބަކަށް ރަތްވެ ވަޅުވަދެފައެވެ. ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

ބާދުޝާޚަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރުމެން ދެ މީހުން ފެނުމުންނެވެ. އަހަރެންގެ ހިތް ހަމްދަރުދީން ބަންޑުންވަމުން ދިޔައެވެ. ބާދުޝާޚް އައިސް އަހަރެންގެ ކުރި މައްޗަށް ހުއްޓިލައި އަހަރެންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. މަޑުމަޑުން އަހަރެންގެ ދަތްދޮޅީގައި ހިފައި އުފުލައިލިއެވެ. ހަށިގަނޑުގެ އެ ކިނާރުތަކުގައި ޖަހަމުން ދިޔަ ވިންދުތައް އަވަސްވަމުން ދިޔައެވެ. ލޭ ހިނގުން އިތުރުވަމުންނެވެ. އަހަންނަށް ބަލައިލެވުނީ ބާދުޝާޚްގެ ދެ ލޮލަށެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް ބާދުޝާޚްގެ ގައިގައި އޮޅުލައި ގަނެވުނެވެ. އެ ފުރިހަމަ މޭގައި މޫނު ޖައްސައި ބައްދާލެވުނެވެ. އެ ފުރިހަމަ މުލައްދަނޑީގެ ހިމާޔަތަށް އެދެވުނެވެ. ބާދުޝާޚްގެ ދެއަތުން އަހަރެންގެ ބުރަކަށީގައި ޖައްސައިލިއެވެ. އޭނާގެ ހޫނުކަން ލިބޭވަރަށް އަހަރެންގެ ގައިގައި ބައްދާލިއެވެ.

ޒިޔާދާ މަޑުންމަޑުން ބޭރަށް ނުކުތް ތަން އަހަރެން ދުށީމެވެ. އަހަރެންގެ މިނިވަންކަމަށް ފުރުޞަތު ދިނުމަށެވެ.
ބާދުޝާޚް އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެން އިސް އުފުލައި ބަލައިލީމެވެ. އަހަރެންގެ ހިތް އޭނާގެ ކުރިމައްޗަށް ބަންޑުން ކޮށްލީމެވެ. ބާދުޝާޚް ވެސް އަހަރެންގެ ހުށަހެޅުން ޤަބޫލުކުރިއެވެ. ދެ މީހުން އެކަކު އަނެއްކަކަށް ބޭނުންވެ އެކަކު އަނެއްކަކު ދެކެ ލޯބިވެވުން މިއީ ކިހައި ބޮޑު އިއްތިފާޤެއް ބާއޭ ހިތައިހިތައި ކިޔައިލެވުނެވެ.

"އަހަރެންގެ އާއިލާގައި ހުރީ ހަމަ އެކަނި އަހަރެން. ބައްޕައަކީ ވިޔަފާރިވެރިއެއް. މަންމައަކީ ސަރުކާރު މުވައްޒަފެއް. އާއިލާއަކީ ފުދޭވަރެއްގެ ތަނަވަސް އާއިލާއެއް." އަހަރެން އިނީީީ ބާދުޝާޚްމެން ގޭގެ ކުރިމަތީގައި އޮތް ހުސްބިމުގައި ހަދާފައިވާ ގޮނޑިބަރީ އިށީނދެއެވެ.

ޒިޔާދާ ތަންކޮޅެއް ދުރުގައި އޮތް ފެންގަނޑަށް ގާއުކަން ހުއްޓެވެ.
"ބައްޕަ ބޭނުންވަނީ އަހަރެން ކިޔަވައިގެން ހުރި ޢިލްމީ މީހަކާ ކައިވެނި ކުރުވަން. ބައްޕައަކީ ވަރަށް އިޖުތިމާއީ މީހެއް. އަބަދު ވެސް ބައްޕަގެ ޚަރަދުގައި މި ތަނުގެ ޔުނިވަރސިޓީއަށް ދިވެހި ކުދިން ކިޔަވަން ފޮނުވާނެ. ބައްޕަ ގަސްތުކޮށްގެން އުޅެނީ އަހަރެން މިކޮޅުގަ ކިޔަވަން އުޅޭ ދިވެހި ކުއްޖަކާ ދެވަން. އެއީ ޝިޔާޒު. އެއީ ވެސް ބައްޕަގެ ސްކޮލަރިޝިޕެއްގަ ކިޔަވާ ކުއްޖެއް. އަހަރެން ޝިޔާޒު ދެކެ ލޯތްބެއް ނުވޭ. ނު ވެސް ވެވޭ. އެކަމަކު ބައްޕަ ހީކޮށްގެން އެ ހުންނަނީ އަހަރެން އެކައިވެންޏާ ޤަބޫލޭ." ބާދުޝާޚްގެ އަތުގައި ފިރުމަމުން އަހަރެން އޮޅުން ފިލުވައިދިނީމެވެ.

"އެހެންވީއިރު، އަހަންނަށް މި ކުރެވެނީ ކިހައި ގޯސްކަމެއް،" ބާދުޝާޚް އަހަރެންގެ މޫނަށް ބަލައިލިއެވެ. "އެހެން މީހެއްގެ ދިރިއުޅުމުގެ ތެރެއަށް މި ވަދެވެނީ."

"ނޫން ޝާޚް! މިއީ އެހެން މީހެއްގެ ދިރިއުޅުމެއް ނޫން. މިއީ އަހަރެންގެ ދިރިއުޅުން،" އަހަރެން ބާދުޝާޚަށް ވިސްނައިދިނީމެވެ. "މި ދިރިއުޅުމުގެ ތެރެއަށް ގެންނާނެ މީހަކު އެނގޭނީ އަހަންނަށް. އެ މީހެއްގެ އަމިއްލަ ދިރިއުޅުމުގައި ކުލަޖައްސާނީ އެމީހަކު."

"އެކަމަކު އަހަންނަކީ ބައްޕަ ތި ބޭނުންވާ ކަހަލަ މީހެއް ނޫނެއްނު،" ބާދުޝާޚް ރާގު ބަދަލުވިއެވެ. "އަހަރެންގެ އާއިލާގަ އެކަކު ވެސް ނެތް. މަންމަ ވެސް މިއަދު އަހަރެންނާ ވަކިވެގެން އެ ދިޔައީ. އަހަރެން މީ ފަޤީރެއް. ނިކަމެއްޗެއް! ވަންނާނެ ގެދޮރެއް އަޅައިލާނެ ޔާރެއް ނެތް ޔަތީމެއް. އެހެން ނޫނަސް ލަމް ތިޔައީ އެހެން ޤައުމެއް އެހެން ނަސްލެއްގެ މީހެއް. އަހަރުމެން ދެމީހުންގެ އެއްގޮތް އެއް ވެސް ސިފައެއް ނެތެއްނު. ހިއްސާކުރާ އެއް ސިފައެއް ނެތެއްނު."

"ޝާޚޫ! އަހަރެންނަށް ތިޔަ ހުރިހާ ކަމެއް އެނގި ހުރެ ޝާޚް ދެކެ ލޯބިވެވުނީ. އެއީކީ އަހަރެން ގަސްތަކު ކުރިކަމެއް ނޫނެއްނު. ޝާޚް ނިކަމެތިވުން ފަޤީރުވުން އެއީ ޝާޚްގެ ކުށެއްތަ؟ ބުނެބަލަ،" އަހަރެންގެ ހިތުގައި ޖެހުނެވެ. "އަހަރެން ވަރަށް ދެރަވެއްޖެ. އެއްވެސް އިންސާނަކީ މުއްސަންޖެއް ނޫން. ހާލަތު ދިމާ ކުރާ ގޮތުން ބައެއް މީހުން ތަނަވަހުގައި އުޅެން ފުރުޞަތު ލިބެނީ. އަނެއް ބަޔަކަށް ދަތި ހާލުގައި އުޅެން މަޖުބޫރުވަނީ. އެވެސް އިމްތިހާނަށް ޓަކައި. ޝާޚް ވެސް ތީ މުސްލިމެއް، އިސްލާމެއް. އަހަރެން ވެސް. ދެމީހަކަށް އެންމެ މުހިއްމު އެއް ސިފަވަންތަ ކަމަކީ އެއީ ނޫންތަ؟"

"މަޢާފުކުރޭ،" ބާދުޝާޚްގެ ރާގު މޮޅިވިއެވެ. "އަހަރެންގެ ހިތަށް މި އަރަނީ އަހަރެން ކިހިނެއްބާއޭ ލަމްގެ ބައްޕަ ބޭނުންވާ ކަހަލަ މީހަކަށް ވާނީ؟ އަހަރެން ކިހިނެއްބާއޭ ބައްޕަ އެދޭ ފަދަ މަތީ ފާހެއް ހާސިލުކުރާނީ."

"ޝާޚް އެކަމާ ދެރަ ނުވޭ. އަހަރެން ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަން. އަހަރެން ބުނާ ގޮތަށް ޝާޚް ހުރިހާކަމެއް ކުރަން އެއްބަސްވޭ،" އަހަރެން ބާދުޝާޚްގެ މޫނަށް ބަލައިލީމެވެ. "މިއަދުން ފެށިގެން ޝާޚް އުޅޭނީ އަހަރުމެންގެ ގޭގައި. ދެން ހީލާ."

"ކޮބާ ފޮޅުވާ ނިމޭކަށް ނުވޭތަ؟ ދެން ބަހައްޓާ މާދަމާއަށް ފޮޅުވަން." ޒިޔާދާ އަހަރެންނާ ދިމާކޮށްލިއެވެ.
ޒިޔާދާ ދިވެހިބަހުން ވާހަކަދެއްކުމުން ބާދުޝާޚް ވާނުވާ ނޭނގިގެން އަހަރެންގެ މޫނަށް ބަލައިލިއެވެ. ސުވާލުގެ ނަޒަރުންނެވެ.

"ދެން ހިނގައިދާން. އަހަރެން ބުނެފިން ޝިޔާޒު ގާތު ވޭން މިކޮޅަށް ފޮނުވާށޭ. މިހާ ދުރުވީމަ ވޭނުގައި ދިޔުން ރަނގަޅުވާނީ،" ޒިޔާދާ އަހަރެން މޫނަށް ބަލައިލިއެވެ. "ހާދަ ހަމަ ޖެހިފަ."
"އާނ! ޝާޚް އަހަރުމެން ގެއަށް ގެންދާގޮތަށް." އަހަރެން ހިނިތުންވެލީމެވެ.
ބާދުޝާޚަށް ދޭހަ ނުވެދާނެތީ އަހަރެން ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

"އަސްތާ! ގޭތެރެއަށް ބަގީޖާ ބަދަލުކޮށްލީ ދޯ، ތި އަދި މާ ސަޅި ކަމެއް. އޭރުން އަހަންނަށް ވެސް ފަހި ވާން ޖެހޭނެ،" ޒިޔާދާ އަނެއްކާ ވެސް ދިމާކޮށްލިއެވެ. "ޝިޔާޒު ފަކީރު ފުލުންދާނެ ދޯ މި ފަހަރު."

"ނޫނޭ ދޮނެއް ކަޅެއް ވެސް އަންގައި ނުލާނަން." އަހަރެންގެ ރޭވުން ޒިޔާދާއަށް ވެސް ސިއްރުކުރަން ބޭނުންވީ ސަބަބެއް އޮތީމައެވެ.

ދުވަސްތައް މާޒީގެ މޯހިރުގެ ތެރެއަށް ފޭދެމުން ދިޔައެވެ. އުފަލާއި ހިތްހަމަ ޖެހުމުގެ ދުވަސްތަކަކުން ޙަޔާތުގެ ދުވަސްތައް ފުރެމުންނެވެ. ކިޔެވުން ނިމި ދަސްވެނިވެ މާލެ ދިއުމަށް ފުރާދު ވަސް އައިސް ޖެހުނެވެ. ތިން އަހަރު ތިން ދުވަސް ފަދައިން ދިޔައީ ކިޔެވުމުގެ ބުރަކަމާއެކުގައެވެ.

"އަހަރެން އަބަދުވެސް ބުނަމެއްނު. ވަރަށް ރަނގަޅު މޮޅު ހަދިޔާއެއް ބައްޕައަށް ގެންގޮސްދޭނަމޭ. ޤަބޫލު ކުރަންވާނޭ،" ބައްޕަގެ ކޯލަށް ޖަވާބުދެމުން ފުރާމީހުންގެ ގިމަތައިގެ ތެރެއަށް ވަނީމެވެ. "ދެން ކެތް ކޮށްލާ ބައްޕާ. ހަތަރެއް ޖަހަންދެން ކެތްކޮށްލާ."
"ކޮބާ ދަރިފުޅާ؟"

ޓްރޮލީތަކަށް ތަބަސްތައް އަރުވާ ބަރާކޮށްގެން އަންނަމީހުންގެ ގިމަތައިން ބޭރަށް ނުކުތީމެވެ. ބައްޕައާއި މަންމަ އަހަރެންގެ އިންތިޒާރުގައި އެއަރޕޯޓުގައި ތިއްބެވެ. ބައްޕަ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. މަންމަ އައިސް އޮޅުލައިގަތެވެ.
"ކޮބާ؟" މަންމަ ވައިއަޑުން އަހައިލިއެވެ.

"ފަހަތުގަ،" އަހަރެން ވެސް ވައިއަޑުން ޖަވާބު ދިނީމެވެ. "ޒިޔާދާގެ މީހަކަށް ހަދާފަ."
"ކޮބައިތަ ހަދިޔާ؟" ބައްޕަގެ ކެތްތެރިކަން ކޮޅުންލިއެވެ. "ހަދިޔާ ލިބޭނީ ގެއަށް ގޮސް ދޯ މަންމާ!"
"އެންމެ ރަނގަޅު. ބައްޕަ ހީކޮށްގެން ހުރި ކަހަލަ ހަދިޔާއެއް ނޫން ދޯ! އަވަހަށް ހިނގާ ދަމާ." ބޯކަހައިލަމުން އަހަރެން ދުއްވަމުން އައި ޓްރޮލީ ބައްޕަ އަތުލިއެވެ.

"އެންމެ މިސްވީ މަންމަގެ މި ކެއްކުން ގަނޑުމަތިން. ވަރަށް ހަނދާންވި." ބައްޕައާއި މަންމައާއެކު އަހަރެން އިނީ ކާ މޭޒުކައިރީގައި ކެއުމަށް އިންސާފުކުރާށެވެ.

"ކާކުބާ ބެލް ޖަހަނީ؟" ރަނގަބީލުގެ އަޑުއިވުމުން ހައިރާން ކަމާއެކު ބައްޕަ ބުނެލިއެވެ.
"އެބަ އަންނަން." އަހަންނާ ދިމާ ބަލައިލަމުން މަންމަ އެއް ލޯ މަރައިލިއެވެ.
"އާދެ، އާދެ! އިށީނދެ." އިނގިރޭސިބަހުން މަންމަ ވާހަކަދެއްކިއެވެ.

އަހަރެންގެ ހިތްތެޅެމުން ދިޔައެވެ. ހިތް ނުތަނަވަސް ވަމުން ލޭ ދައުރުވުން އަވަސްވަމުން ދިޔައެވެ. އިމްތިހާނީ މި ދަނޑިވަޅުގައި ނަތީޖާ ނުކުންނާނެ ގޮތް ނޭނގޭތީއެވެ. ހިތައިހިތައި ދުޢާކުރެވެމުން ދިޔައެވެ.
"މީ ކޮން ކުއްޖެއް؟" ބައްޕަ ސުވާލުކޮށްލީ އަހަރެންނާއެވެ.

"މީ.. މީ.. މީ...،" އަހަރެންގެ ބަސްހުއްޓުނު ކަހަލައެވެ. "މީ އަހަރެން ބައްޕައަށް ގެނަ ހަދިޔާއަކީ. މިއީ ޝާޚް! ބާދުޝާޚް! އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން އަހަރެން ބޭނުންވާ މީހާ."
"އޭނ! ކީކޭ؟ ބައިވެރިޔާއޭ،" ބައްޕަ ރުންކުރުވިއެވެ. "ކޮބާ ޝިޔާޒު. ކޮބައި އޭނާއަށް ދަރިފުޅު؟ ދަރިފުޅު ތި ދިނީ ކިހައި ބޮޑު ލަނޑެއް؟"

"ބައްޕާ! އަހަރެންގެ ޙަޔާތަށް ގެންނާނެ މީހަކު އެނގޭނީ އަހަންނަކަށް ނޫންތޯ؟" އަހަރެން ހިތުގައި ޖެހުނެވެ. "ޝިޔާޒު ދެކެ އަހަރެން ލޯތްބެއް ނުވަން. ނުވެސް ވެވޭ. ބައްޕަ ބޭނުންވަނީ ބައްޕަގެ މި ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ދޭންތޯ ނޫނީ؟"

"އެންމެ ރަނގަޅު. ޝާޚަކީ ކޮންތަނެއްގެ ކިހައި ފެންވަރެއްގެ ކާކު؟" ބައްޕަގެ ރާގު ހަރުވިކަށިވަމުން ދިޔައެވެ.
"އެއީ އިންޑިޔާގެ ރައްޔިތެއް. މުސްލިމެއް. ނިކަމެއްޗެއް! އަޅައިލާނެ އެއްވެސް ޔާރެއް އިޔާރެއް ނެތް މީހެއް." އަހަރެން ބުނެދިނީމެވެ.

"އޭނ! ނިކަ މެއްޗެކޭ؟ ފަގީރެކޭ؟" ބައްޕަގެ ރުންކުރުވަމުން ދިޔައެވެ. "އަހަރެންގެ ދަރިފުޅަށް ނިކަމެއްޗެއް ނޫނީ ނުލިބުނުތަ؟"

"ބައްޕާ؟" އަހަރެންނަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެވެ. ހިތުގައި އުތުރި އަރަމުން ދިޔަ އިޙުސާސްތައް ބޭރަށް ފާޅުވަމުން ދިޔައެވެ. މަންޒަރު ބަލަން ބާދުޝާޚް ވެސް ހުއްޓެވެ.

"ބަލަ ބައްޕައެއް ނޫންތަ އަހަރެން ގާތު ބުނީ ނިކަމެތިންނަކީ ވެސް އިންސާނުންނޭ. އެ މީހުންގެ ވެސް އިހުސާސްތަކެއް ވާނޭ. އެ މީހުންގެ ވެސް ހިތުގައި ޖަހަނީ ވިންދޭ. އެ ވިންދުން އުފައްދާ ރާގުތަކުގައި އެކުލެވޭ ޖަޒުބާތު ޠާހިރުވެފައި ސާދާވާނޭ،" އަހަރެން ގިސްލެވެން ފެށުމުން މަންމަގެ ކޮނޑުގައި ބޯ އަޅައިލީމެވެ. "ބައްޕައަށް މިއަދު ކީއްވެގެންތަ ނުވިސްނެނީ؟"

"ބައްޕައަކަށް ނޫން ނުވިސްނިގެން މި އުޅެނީ. ބަލަ ދަރިން ބަލައި މައިންބަފައިން ބޮޑު ކުރަނީ ހާދަ ފޮނި އުއްމީދެއްގައޭ. ބައްޕަމެން ދުވާލުދާ ހަތަރުދަމު ޤުރުބާން މި ވަނީ ހަމައެކަނި ތިޔަ ދަރިފުޅުގެ މުސްތަޤުބަލަށް ޓަކައި. ދަރިފުޅަށް ހެޔޮ ގޮތްތައް ހޯދައިދޭން،" ބައްޕަގެ ރާގު ބަދަލުވެ، މަޑުމޮޅިވެފައި އޯގާތެރިވިއެވެ. "ދަރިފުޅާ ލަމްހާ! ދަރިފުޅަށް އެނގެންވާނެ މިއަދު ބައްޕަ ލޯ މަރައިލިޔަސް މި ވިޔަފާރި ނަގަހައްޓަން ހުރީ ދަރިފުޅުކަން. ބައްޕަ ޒިކުރާ އާލާކުރަން ހުރީ ދަރިފުޅުކަން. ދަރިފުޅު ކިހިނެއް ޝާޚާއެކު...؟"
ބައްޕަ އައިސް އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. ބާދުޝާޚް މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. ދޮރާ ދިމާއަށް ހިނގައި ގަތެވެ.

"ބައްޕާ ޕްލީޒް! ޝާޚް ހުއްޓުވާ. އޭނަގެ ކޮން ކުށެއް އޮތީ؟ އޭނާ ފަޤީރަކަށް ވުމީ އޭނާގެ ކުށެއްތަ؟ އޭނަ ނިކަމެތި އާއިލާއަކަށް އުފަންވުން އެއީ އޭނަ ކުރިކަމެއްތަ؟" އަހަރެންގެ ގިސްލުން އިތުރުވަމުން ދިޔައެވެ. "ޕްލީޒް ބައްޕާ! އޭނާ ވީ ޤުރުބާންގެ އަގު ވަޒަންކޮށް މި ގުޅުމަށް އާއެކޭ ބުނޭ."
"ޤުރުބާން؟ ކޮން ޤުރުބާނެއް؟" ބައްޕަ ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.

"އާނ ބައްޕާ. ބައްޕަ އެދޭ ފަދަ ޢިލްމީ މީހަކަށް ވުމަށް ޓަކައި އޭނާ ވީ ޤުރުބާން. މިއަދު ޝާޚަކީ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާސިލުކޮށްފައިވާ މީހެއް. ކުރު މުއްދަތެއްގެ ތެރޭގައި އޭނާވަނީ މުޅި ޔުނިވަރސިޓީ ފަޚްރުވެރިވާ ފަދަ ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެފަ. އެއީ ހަމައެކަނި އަހަރެންގެ ލޯބީގެ ޙައްޤުގައި. ހަމައެކަނި އަހަރެންގެ ބައްޕަގެ ރުހުން ހޯދުމުގެ ބޭނުމުގައި." އަހަރެންނަށް ބުނެވުނީ އެހައި ހިސާބަށެވެ.

"އާން ރާފިޢު. ލަމްހާ އެ ބުނީ ތެދެއް. ރާފިޢުއާ ސިއްރުން އަހަންނާ ލަމްހާ ދައްކާވާހަކަ ތަކަކީ އެއީ. މި ހުރިހާ ކަމެއް މި ކުރީ އަހަރެންގެ މަޝްވަރާގެ މަތިން،" މަންމަ ވެސް އަހަރެންނާ އެއްބައިވިއެވެ. "ކޮންފަދަ ފުރިހަމަ ޒުވާނެއް މީ؟ ދެކިބަލަ އެ ޝިޔާޒު. އަދިވެސް އެ އުޅެނީ ކޯހުން ފާސްނުވެގެން. އަޚްލާޤް އެހައި ގޯސް. އުޅެނީ އުޅޭނެ ގޮތަކަށް. ރޭގަނޑު ކުލަބުތަކުގަ ވަގުތު ހޭދަކޮށްފަ ދުވާލު ކަމަކީ ނިދުން. ކުލާހަށް ދަނީ ހިތަށް އެރިއްޔާ."

ބައްޕަގެ ނިތްކުރިމަތީގައިވާ ރޫތައް ފިލައިގެން ދިޔައެެވެ. މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ. އެއާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ގޮސް ބާދުޝާޚްގެ އަތުތެރެއަށް ލިއެވެ.

"ބައްޕައަށް މަޢާފުކުރޭ ދަރިފުޅާ. ޖަވާހިރު ވަކިކުރަން ނޭނގޭ މީހަކަށް ޖަވާހިރެއް ފެނުނީމާ ވެސް ހީވާނީ އެއީ ކުނިގަނޑެކޭ. މިއަދު ދަރިފުޅު ތިޔަ ދައްކައިދިނީ ވަރަށް ސާބިތު ނަމޫނާއެއް. ބައްޕަ ވަރަށް އުފާވެއްޖެ." އަހަރެންނާއި ބާދުޝާޚް ބައްޕަގެ މޭތެރޭގައި ލައްކޮށްލަމުން ބައްޕަގެ ހިމާޔަތްކަން ދިނެވެ.

"މިއަދުގެ ބަޠަލަކީ އަހަރެންނެއް ނޫން ބައްޕާ. މިއަދުގެ ބަޠަލަކީ ޝާޚް. އަހަރެންގެ ލޯތްބަށް ޓަކައި އަދި ބައްޕަގެ ރުހުން ހޯދުމަށް ސުމަކުން ފަށައިގެން އޭނާ އެވީ ޤުރުބާން،" އަހަންނަށް ހިނިތުންވެވުނެވެ. "ޝުކުރިއްޔާ މަންމާ. ދެއްވި ހިތްވަރާއި ހެޔޮ ބަސްތަކަށް."

- ނިމުނީ -
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް