ads
މަޑަވެލި ދާއިރާގެ މެމްބަރު ހުސެން ފިރުޝާން-- ފޮޓޯ: މަޖިލިސް
ހޮރައިޒަންއަށް ދޫކޮށްފައިވާ ބިމުގެ ކުލި ހޯނޑެއްދޫ ކައުންސިލަށް ހޯދުމަށް މަޖިލީހަށް މައްސަލައެއް
ގދ. ހޯނޑެއްދޫއިން ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމުގެ ކުލި ލާމަރުކަޒީ ގާނޫނާ އެއް ގޮތަށް އެ ރަށު ކައުންސިލަށް ލިބޭނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގދ. މަޑަވެލި ދާއިރާގެ މެމްބަރު ހުސެން ފިރުޝާން އެވެ.

"... އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 (ފ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ހޯނޑެއްދޫގެ ބިމުން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށް ދޫކޮށްފައިވާ 13.5 ހެކްޓަރުގެ ބިމުގެ ކުލި ހޯނޑެއްދޫ ކައުންސިލުގެ އާމްދަނީއަށް ބަދަލުވާނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް އެ މިނިސްޓްރީއަށް ބާރުއަޅައި ދެއްވުމަށް އެދެމެވެ." އެ މައްސަލާގައި ބުނެފައި ވެއެވެ. 

މަސް ފެކްޓްރީއެއް އެޅުމަށް ހޯނޑެއްދޫގެ ބިމުން ހޮރައިޒަންއަށް ބިން ކުއްޔަށް ދީފައި ވަނީ 8 ޑިސެމްބަރު 2005 ގައެވެ. އެ ކުންފުންޏާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު އެ ތަން ކުއްޔަށް ދިނުމުގެ އެއްބަސްވުން އެކުލަވާލާފައި ވާއިރު، އެތަނުގެ ކުލީގެ ގޮތުގައި އަކަ ފޫޓަކަށް 15 ލާރި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މި އަހަރުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. 

"އިސްވެ ދެންނެވުނު ބިން ދޫކުރެވުނުތާ މި އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހަށް 15 އަހަރު ފުރޭއިރު، މަސް ފެކްޓްރީ އަދިވެސް ހަދައި ނުނިމޭ ކަމާއި އަދި ހަމަ އެހެންމެ، މަސސް ފެކްޓްރީއަކީ ހޯނޑެއްދޫ އާއި މަޑަވެލި ދާއިރާ އާއި މުޅި އަތޮޅުގެ އިގްތިސޯދާ ގުޅިފައިވާ ތަނެއް ކަމަށް ވާއިރު އެތަނުގެ ސަބަބުން އިގްތިސޯދަށް އަދި ރައްޔިތުންނަށް ކުރާ ސީދާ ފައިދާއެއް ވެސް ނެތްކަން ހިތާމައާއެކު ފާހަގަކުރަމެވެ،" އެ މައްސަލާގައި ފިރުޝާނު ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން ފިރުޝާން އާއި މިނިސްޓަރު ޒަހާ އެ މައްސަލާގައި ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި ހައްލެއް ހޯދުމަށް އެދުމުން އަބަދުވެސް ލިބޭ ޖަވާބަކީ ބިމުގެ މައްސަލާގައި މިނިސްޓްރީ އާއި ހޮރައިޒަންއާ މަޝްވަރާ ކުރަމުންދާ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި އިތުރަށް ބުނެފައި ވަނީ އެ ކުންފުނީގެ ހޯނޑެއްދޫގައި ތިބި މުވައްޒަފުން މަދުކޮށްފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން ބާކީ ތިބި މުވައްޒަފުންގެ މުސާރަ 1000 ރުފިޔާއަށް ވުރެ ކުޑަކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ހުރި މުދަލާއި ވެހިކަލް ފަދަ ތަކެތި ވެސް ރަށުން ބޭރުކޮށްފައިވާ ކަމަށް ވެއެވެ. 

"ހޯނޑެއްދޫގެ ރައްޔިތުން އެދެނީ މި މަސް ފެކްޓްރީއަށް އަވަހަށް ގޮތެއް ނިމި، އެ ބިމުގެ ފައިދާ ރައްޔިތުންނަށް ލިބުމަށެވެ،" މަޖިލީހަށް ހުށަހެޅި މައްސަލާގައި ވެއެވެ.

ފިރުޝާން ފާހަގަކުރައްވާފައިވާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ރަށްރަށުގެ އިހްތިސޯސް ކަނޑައަޅާފައި ވާއިރު، ފިޝަރީޒް މިނިސްޓްރީން ހޮރައިޒަންއަށް ދީފައިވާ ބިމަކީ ހޯނޑެއްދޫގެ އިހްތިސޯސްގެ ތެރޭގައިވާ ބިމެކެވެ. 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 (ފ) ގައި ބުނެފައި ވަނީ ރަށްރަށުގެ އިހްތިސޯސްގެ ތެރޭގައިވާ ތަންތަނުން ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުލި ނަގަމުންދާ ނަމަ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަހުގެ ތެރޭގައި އެ ކުލި ކައުންސިލަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ހޯނޑެއްދޫގެ ބިމުން ހޮރައިޒަންއަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ލިބޭ ކުލި އެ ރަށު ކައުންސިލަށް ބަދަލު ކުރުމަށް އެއްވެސް އިންތިޒާމެއް މިހާތަނަށް ހަމަޖައްސާފައި ނުވާ ކަމަށް އެ މައްސަލާގައި ފިރުޝާނު ވަނީ ވިދާޅުވެފަ އެވެ. 

އެ މައްސަލާގައި ފިރުޝާން އެދިފައި ވަނީ އެ ބިމުގެ ކުލި ކައުންސިލަށް ބަދަލު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ބާރު އެޅުމުގެ އިތުރުން ފިޝަރީޒް މިނިސްޓްރީން އަމަލު ކުރަނީ ގާނޫނުތަކާ އެއް ގޮތަށްތޯ ބަލާ، މަސް ފެކްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނެތޯ ސާފުކޮށް، 14 އަހަރުވީ އިރު އެތަން ނުނިމިވާ ސަބަބު ސާފު ކުރުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް