ads
ފިނޭންސް މިނިސްޓްރީ-- ފޮޓޯ: ރާއްޖެއެމްވީ
ކޮވިޑާ ގުޅިގެން މިހާތަނަށް 520 މިލިއަން ޑޮލަރު ލިބިއްޖެ: މިނިސްޓަރު އަމީރު
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީ އާއި ލޯނުގެ ގޮތުގައި މިހާތަނަށް 520 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

ކޮވިޑާއެކު ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގެ ސަބަބުން މި އަހަރު ދައުލަތުގެ އާމްދަނީ ލަފާ ކުރި މިންވަރަށް ވުރެ ބޮޑު ތަނުން ދަށް ވާނެ އެވެ. 

އޭގެ ސަބަބުން ކުރަމުންދާ އަސަރު ކުޑަ ކުރުމަށް ސަރުކާރުން ދަނީ ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި އެކި ގޮތްގޮތުން ފައިސާ ހޯދަން މަސައްކަތް ކުރަމުންނެވެ. 

އެގޮތުން މިހާތަނަށް ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.  

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި، އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމެންޓް ބޭންކް އާއި، ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކު (އީއައިބީ) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާއި، އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗާ ޑިވެލޮޕްމެންޓް އާއި، އައިއެމްއެފް އާއި އައިޑީބީ އާއި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ވޯލްޑް ބޭންކެވެ.

ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެއަށް އަންނަނީ ފޯރުކޮށްދެމުންނެވެ. 

އޭގެ ތެރޭގައި އިންޑިޔާ އާއި، ޖަޕާނާއި، ޗައިނާ އާއި، ސިންގަޕޫރާއި، އެމެރިކާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އަދި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް