ads
އީސީގެ މެމްބަރުން--
ދައުލަތުގެ މާލިއްޔަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމާ ދެކޮޅު: ލޭބާ ޕާޓީ
ދައުލަތުގެ މާލިއްޔަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމާ ދެކޮޅު ކަމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ ހަފްތާގައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުމަށް ޕާޓީތަކާ ބައްދަލުކޮށްފަ އެވެ. 

ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލިބުނު ފުރުސަތު ލޭބާ ޕާޓީއިން ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތުން ޕާޓީތަކަށް ފައިސާ ދިނުމަށް އެ ޕާޓީއިން ތާއީދު ނުކުރާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީތަކުގެ ބޭނުމަށް ދިވެހި ދައުލަތާއި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ދިވެހި ދައުލަތުގެ މާލިއްޔަތުން އެއްވެސް މިންވަރެއްގެ ފައިސާއެއް އަދި އާމްދަނީއެއް ޕާޓީތަކުން އަދި ސަރުކާރުން ކަމުގައި ވިޔަސް ސިޔާސީ މަސައްކަތްތަކަށް ބޭނުން ކުރުމާއި މެދު މި ޕާޓީއިން އިއުތިރާޒުވެ ދެކޮޅު ހަދަމެވެ،" ލޭބާ ޕާޓީގެ ބަޔާނެއްގައި ވެއެވެ. 

އެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަށް ލޭބާ ޕާޓީއިން ހުށަހެޅި އިސްލާހުގައި ވަނީ ޕާޓީތަކުން ފައިސާ ހޯދާނެ ގޮތްތަކެއް ބަޔާންކޮށްފަ އެވެ. އެއީ މެންބަރުންގެ އަތުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އަތުން، ވިޔަފާރީގެ މުއާމަލާތްތަކުން، ފައިސާ ހޯދަން ހިންގާ ހަރަކާތްތަކުން އަދި ދަރަންޏަށް ފައިސާ ނަގައިގެންނެވެ. 

އޭގެ އިތުރުން ޕާޓީތަކުގެ މެމްބަޝިޕް ވެރިފައި ކުރުމާ ބެހޭ ނުކުތާތައް އިސްލާހު ކުރުމަށް އެ ޕާޓީއިން ވަނީ ގާނޫނުގެ 28 ވަނަ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފަ އެވެ. 

އެގޮތުން ޕާޓީގެ މެމްބަރަކަށް ވުމާއި މެމްބަރުކަން ދޫކޮށްލުން އޮންނަން ވާނީ ރައްޔިތުންގެ އަމިއްލަ އިހްތިޔާރުގައި ބޭނުންވެއްޖެ ހިނދެއްގައި ބަދަލު ކުރެވޭ ގޮތަށް ކަމަށާއި އެކަމަށް ބޭނުން ކުރާނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކޮށް، އިންޓަނެޓް މެދުވެރިކޮށް ފޯނާއި ކޮމްޕިއުޓަރު އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އެ ހައްގު ހާސިލް ކުރެވޭނޭ ގޮތް ދިވެހި ދައުލަތާއި އީސީއިން ހަމަޖައްސަން ވާނެ ކަމަށް އިސްލާހު ހުށަހަޅާފައި ވެއެވެ.

"ދިވެހި ކޮންމެ ރައްޔިތަކު، އެވަގުތަކު ބޭނުންވާ ސިޔާސީ ފިކުރެއް ނުވަތަ ޕާޓީއެއްގައި ރަޖިސްޓްރީ ވުމާއި އަދި ޕާޓީއިން ވަކިވުން ވެސް އޮންނަން ޖެހޭނީ އެ ޒަމާނެއްގައި ދިވެހި ދައުލަތަށް ފޯރުކޮށްދެވޭ އެންމެ ބާރުވެރިވާ ގޮތެއްގައި ސީދާ ކޮންމެ ރައްޔިތެއްގެ އަތްމަތީގައެވެ،" ލޭބާ ޕާޓީގެ ބަޔާނުގައި ވެއެވެ. 

ގާނޫނަށް ގެންނާނެ އިސްލާހުތަކުގެ ޑްރާފްޓެއް އީސީއިން ހަދާފައި ވާއިރު، އޭގައި ބުނެފައި ވަނީ ޕާޓީގެ މެމްބަޝިޕްގެ ކަންކަން ބަލަހައްޓާނީ އެ ޕާޓީތަކުން ކަމަށެވެ. އޭގެ އިތުރުން ޕާޓީތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށާއި ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ވެސް އިސްލާހުތަކެއް ހިމަނާފައި ވެއެވެ.

މިހާރު އޮތް ގޮތުން ނަމަ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީގެ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. އީސީއިން ހުށަހަޅާފައި ވަނީ އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތުން ފައިސާ ދޫކުރުމުގެ ކަންކަން ކުރެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.  

މި އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަނީ 33 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. ބަޖެޓު ފާސްކުރިއިރު 10،000 މީހުން ހަމަވި އެމްޑީޕީ އާއި ޖޭޕީ އަދި ޕީޕީއެމަށް ފައިސާ ދޭން އީސީއިން ނިންމި އެވެ. އޭގެ ތެރެއިން އޮޑިޓް ރިޕޯޓު ހުށަނާތީ ޕީޕީއެމަށް ފައިސާ ދޫކުރުން ވަނީ ލަސްވެފަ އެވެ.

ފައިސާ ދޫކުރަނީ 10،000 މީހުންނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 327.29 ރުފިޔާގެ މަގުންނެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ގިނަ ފައިސާ ލިބުނީ 53،748 މީހުން ހިމެނޭ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް 17،612،793 ރުފިޔާ ކަނޑައެޅި އެވެ. ބާރަ ހާސް މީހުން ރަޖިސްޓްރީ ވެފައިވާ ޖޭޕީ އަށް ކަނޑައެޅީ 3،974،249 ރުފިޔާ އެވެ. އިދިކޮޅު ޕީޕީއެމްގައި 36054 މެމްބަރުން ތިބިއިރު އެ ޕާޓީއަށް 11،814،609 ރުފިޔާ ކަނޑައެޅި އެވެ.

ނަމަވެސް އީސީއިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެމްޑީޕީގެ މެމްބަރުން މަދުވެ، ޕީޕީއެމަށް ވަނީ މެމްބަރުން އިތުރުވެފަ އެވެ. އެމްޑީޕީގައި މިހާރު ތިބީ 52،952 މީހުންނެވެ. އަދި ޕީޕީއެމްގައި ތިބީ 37،144 މެމްބަރުންނެވެ. އޭގެ އިތުރުން ޖޭޕީގެ މެމްބަރުން ވަނީ 13،800 އަށް އަރާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ.    

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް