އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ އަތުން ގިނަ އަދަދަކަށް ފައިސާ ހޭދަވީއިރު ވެސް ކޯސް ނިންމަން ބުނި ތާރީހަށް ނިންމިފައި ނުވުމުގެ އިތުރުން އެކަމުގައި އެ ދަރިވަރުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ބަޔަކު ނެތުމެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެކަމާއި ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ އަރިހުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އެކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ދެއްވި ޖަވާބް ރޮޒެއިނާ ވަނީ ޓްވިޓާގައި ޕޯސްޓުކުރައްވާފަ އެވެ.
އެ މެސެޖްގައި މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލާއި ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށާއި އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ވެސް އެކަން ބެލުމަށް އެދިފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައި ވެސް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެ ސްކޫލުން ލިޔެކިޔުން ހުށަހަޅާފައި ނުވާތީ މިދިޔަ ހަފްތާގައި އަލުން މުއާމަލާތުކޮށް، ތަފްސީލް ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ލިޔުންތައް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އޭގެ ސަބަބުން އެ މައްސަލަ ކުރިއަށް ގެންދަން ދަތިތަކެއް އެބަ ހުރި ކަމަށާއި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ދަނީ އެ މައްސަލާގައި މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެކަމަށް އަވަސް ހަލެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރިން ވަނީ ކަންބޮޑުވުންތަކުގެ ވާހަކަ މީގެ ކުރިން ތަކުރާރުކޮށް ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައި ކަމަށް އެ ދަރިވަރުން ބުނެ އެވެ.
ސްކޫލް ހިންގަމުން އަންނަތާ އެތައް އަހަރު ތަކެއް ވެފައިވާއިރު ސްކޫލަށް ވަންނަ ކޮންމެ އާ ބެޗަކަށް ފީ ސްޓްރަކްޗާ ވެސް ބޮޑުވަމުން އަންނަ ކަމަށް ދަރިވަރުން ބުނެފައި ވެއެވެ.
ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.
އަދި ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ބައެއް ކުދިން ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.