ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ދަނޑުވެރިކަމަށް ކިޔާފައި ރާއްޖޭގައި ދިގުމުއްދަތަށް ރަށްދޫކުރާތާ މިހާރު ގާތްގަނޑަކަށް 32 އަހަރު ވެފައިވާ ކަމަށެވެ. އަދި އޭގެން އެއްވެސް ރަށަކީ ވިޔަފާރީގައި ދެކޮޅުޖެހޭ ރަށެއް ނޫން ކަން ޔަގީންކަމާއި އެކު ބުނަން ކެރޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ދަނޑުވެރިކަން ކާމިޔާބު ގޮތުގައި ހިނގަނީ މީހުން ދިރިއުޅޭ ރަށްރަށުގައިކަން މެމްބަރުން ފާހަގަކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން މަޖިލީހުން ސަރުކާރަށް ލަފާ އެރުވި އިރު، ދަނޑުވެރިކަމަށް ފަޅުރަށް އިތުރަށް ދޫކުރަން އުޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ލަފާ އަރުވާފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ކުރެއްވި ސުވާލަށް މިނިސްޓަރު ޒަހާ ދެއްވި ޖަވާބާއި ގުޅިގެންނެވެ. އެގޮތުން ހިސާން ކުރެއްވި ސުވާލުގައި ސާފުކުރުމަށް އެދިފައިވަނީ 26 ހެކްޓަރުގެ ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫކޮށްލަން ސަރުކާރުން ނިންމި ސަބަބު ސާފު ކޮށްދެއްވުމަށެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، އެކަންކޮށްފައިވަނީ މަޝްވަރާ ކުރެވިގެން ބިން ބޮޑު ރަށެއް ދަނޑުވެރިކަމަށް ނެރުމަށްޓަކައިކަމަށެވެ. އަދި ފުޑް ސެކިއުރިޓީއެއް އޮންނަން ޖެހޭނެކަން ފާހަގަކޮށް މިނިސްޓަރު ޒަހާ ވިދާޅުވީ މިފަދަ ރަށެއް މިފަދަ ކަމެއް ކުރަން ދިނުމަކީ ބަޔަކު ސުވާލު އުފައްދަންޖެހޭ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މިނިސްޓަރު ޒަހާ މަޖިލީހުގައި މެމްބަރުން ކުރި ސުވާލުތަކަށް ދެއްވި ޖަވާބަށް ރިއާޔަތްކޮށް ރައީސް ނަޝީދު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވާ ރާވަނީ އިގްތިސާދީ ކޮމިޓީންކަމަށް މިނިސްޓަރު ޒަހާ ވިދާޅުވެފައިވާ ކަމަށެވެ.
އަދި މިނިސްޓަރު ޒަހާގެ މަސައްކަތަކީ "ފަނިފަކްސާ ބެއްލެވުން" ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިނިސްޓަރު ކުރައްވަނީ ރެގިއުލޭޓަރީ މަސައްކަތް ކަމަށާއި އެކަން މެމްބަރުން ހަނދާނުގައި ބެހެއްޓެވުމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.