ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި ބާނާ މަހަށް ދުނިޔޭގެ އިތުރު މާކެޓްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ އަންނަ އަހަރު މާކެޓިންގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދާނެކަމަށެވެ. މާކެޓިންގެ މަސައްކަތް ވަރަށް ބޮޑަށް ކުރަންޖެހިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި ގުޅިގެން އިތުރު ބާޒާރުތަކަށް ވަނުމުގެ މަސައްކަތް ކުރާނޭ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޗައިނާ މާކެޓަަށް ވަދެވެނީ ވަރަށް ގިނަ ހުއްދަތައް ހޯދައިގެން ކަމަށާއި އެ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ރަޝިއާ އަށް ވެސް މަސް އެކްސްޕޯޓްކުރަން މަސައްކަތް ކުރަމުން އަންނަކަމަށާއި ވަކި ގައުމަކާ އެކީ ވިޔަފާރި ނުކުރުމަށް ނިންމާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ގަވައިދާއި ގުޅޭގޮތުން މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަން މިނިސްޓްރީއަށް ލާޒިމްކުރާ ހުރިހާ ޤަވާއިދެއް މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށެވެ.
އެގޮތުން މަސްވެރިކަމާއި ބެހޭ ގާނޫނުގެ ދަށުން މިހާތަނަށް ހަތް ގަވައިދެއް އެކުލަވާލާ ގެޒެޓް ކޮށްފައިވާކަމަށާއި އެންމެ ފަހުން އެކުލަވާލި ގަވައިދު ގެޒެޓްކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.