ads
ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ މަގުތަކުގައި ރައޮޓް ފުުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ބީބީސީ
ތައިލެންޑުގެ ރަސްކަމާ ދެކޮޅަށް އަޑު އުފުލާތީ ކުއްލި ހާލަތު އިއުލާންކޮށްފި
ތައިލޭންޑްގެ ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށް އެއްވެ އުޅުން މަދުކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައިފި އެވެ.

އާންމުންގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ފިތުނަ އާއި ހަމަނުޖެހުން އުފައްދާ ކަމަށް ބުނެ، އެ ގައުމުގެ ސަރުކާރުން ވަނީ ބައެއް ސަރަހައްދުތަކަށް އެއްވެ އުޅުން މަނާކުރުމުގެ އިތުރުން ހަތަރު މީހުންނަށް ވުރެ ގިނައިން އެއްފަހަރާ ގްރޫޕް ހަދައިގެން އާންމު ސަރަހައްދުތަކުގައި އެއްވެ އުޅުން މަނާކޮށްފަ އެވެ. ތައިލޭންޑްގެ ސަރުކާރުން ބުނީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހުނީ އެގައުމުގެ ޝާހީ މޮޓޯކޭޑަކަށް އިއްޔެ ބަޔަކު ހުރަސްއެޅުމުން ކަމަށެވެ.

ފިޔަވަޅުތައް އިއުލާންކުރިތާ ގިނައިރުތަކެއް ނުވަނީސް، ތައިލޭންޑްގެ ސިފައިން ވަނީ އެގައުމުގެ ވެރިރަށް ބެންކޮކްގައި ކުރިޔަށްދިޔަ މުޒާހަރާ ރޫޅާލައި، ބޮޑުވަޒީރުގެ އޮފީސް ދޮށުގައި ތިބި ފަރާތްތައް ފޮނުވާލާފައެވެ. ނަމަވެސް ބައެއް ބައިވެރިން މުޒާހަރާ ދޫކޮށް ދިޔުމަށް ދެކޮޅު ހެދުމުން، ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. މި މުޒާހަރާގައި ބައިވެރިވި ވިހި މީހަކު ހައްޔަރުކޮށްފައި ވާއިރު، މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާ ރޫޅާލުމަށް ފަހު ވެސް ތައިލޭންޑްގެ ފުލުހުން ދަނީ ބެންކޮކްގެ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި އެގައުމުގެ ގިނަ ޔުނިވާސިޓީ ދަރިވަރުންތަކެއް އިސްވެ ތިބެ ކުރިޔަށް ގެންދާ މުޒާހަރާގައި ވަނީ އެގައުމުގެ ރަސްގެފާނު ވަޖިރަލޮންކޮންގެ އަތުން ބައެއް ބާރުތައް ނެގުމަށާއި، ބޮޑުވަޒީރު ޕްރަޔުތް ޗަން-އޯޗާގެ އިސްތިއުފާއަށް ގޮވާލާފަވެ. ތައިލޭންޑްގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައިފައިވަނީ މިދިޔަ އަހަރު ބޭއްވި އެގައުމުގެ އިންތިހާބުގައި އޭނާ ވޯޓް އޮޅުވާލެއްވި ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ބޮޑުވަޒީރު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ތައިލެންޑްގައި އެގައުމުގެ ރަސްކަމާއި ދެކޮޅަށް އަޑުއުފުލައި، ފާޑުކިޔުމަކީ ކުށެކެވެ. އެގޮތުން ރަސްކަމާއި ދެކޮޅަށް އަޑު އުފުލުމަކީ ބޮޑެތި ޖަލު ހުކުމްތައް އަންނަ ވަރުގެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް