ads
ބެންކޮކްގެ މަގުތަކުގައި އެއްވުންތައް ކުރިއަށް ދަނީ. ފޮޓޯ: ބީބީސީ
ކުއްލި ހާލަތުގައި ވެސް ބެންކޮކްގައި މުޒާހަރާތައް ކުރިއަށް ދަނީ
ތައިލޭންޑްގެ ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށްފައި ވަނިކޮށް ގިނަ ބަޔަކު މަގުތަކަށް އެއްވެއްޖެ އެވެ.

ވެރިރަށް ބެންކޮކްގެ މަގުތަކަށް އެއްވެ މުޒާހަރާކުރަމުންދާ ފަރާތްތައް ވަނީ ދާދިފަހުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

ރޭ އިއުލާންކުރި ކުއްލި ހާލަތުގައިވާ ގޮތުން ހަތަރަކަށް ވުރެ ގިނަ މީހުން އެއްފަހަރާ އެއްތަނަކަށް އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

ކުއްލި ހާލަތު އިއުލާންކުރިތާ ގިނައިރުތަކެއް ނުވެ، ރައޮޓް ފުލުހުން ވަނީ ރޭ ބޭއްވި މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ވިއްސަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.

އޭގެ ފަހުން، މިރޭގެ ވަގުތެއްގައި ތައިލޭންޑްގެ ގިނަ ބަޔަކު ވަނީ ވެރިރަށް ބެންކޮކްގެ ރަޗަޕްރަސޮންގް ޑިސްޓްރިކްޓްގެ މަގުތަކަށް އެއްވެ، ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކޮށްފައެވެ. މި އެއްވުން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕަނުޕޮންގް ޖަޑްނޮކް ވަނީ އެއްވުމުގެ ބައިވެރިންނާއި މުހާތަބުކޮށްފައެވެ. މާ ގިނައިރުތަކެއްނުވެ، ރައޮޓް ފުލުހުން ވަނީ އެއްވުން ރޫޅާލައި، އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތައް ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފައެވެ.

ޔުނިވާސިޓީގެ ދަރިވަރުންތަކެއް އިސްވެ ކުރިއަށް ގެންދާ މުޒާހަރާތަކުގައި ބައިވެރިން ފުރަތަމަ ވަނީ 2014 ވަނަ އަހަރު ބަގާވާތަކުން ވެރިކަމަށް އައި ބޮޑުވަޒީރު ޕްރަޔުތް ޗަން-އޯޗާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ. އަދި މިހާރު މުޒާހަރާގެ ބައިވެރިން ދަނީ ތައިލޭންޑްގެ ރަސްގެފާނު ވަޖިރަލޮންކޯންގެ އަތުން ބައެއް ބާރުތަށް ނެގުމަށް ގޮވާލަމުންނެވެ.

ތައިލޭންޑްގެ ރަސްކަމާއި ދެކޮޅަށް އަޑު އުފުލައި ފާޑުކިޔުމަކީ އެގައުމުގައި ބޮޑެތި ޖަލުގެ ހުކުމްތައް އަންނަ ވަރުގެ ކުށެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް