ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި މިނިސްޓަރު ޒަހާ ވިދާޅުވީ ކާބޯތަކެއްޗަކީ ދިރިއުޅުމުގެ މުހިންމުބައެއް ކަމަށެވެ.
ރައްކާތެރި އަދި ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި އަތްފޯރާ ފަށުގައި ހުރުމަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމަކުން އަރިގަތުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ފުދުންތެރިކަން ކުދަ މުޖުތަމައުތަކަށް މިފަދަ ބަލިމަޑުކަމުން ކުރާ އަސަރު މިކަމުގެ ސަބަބުން ކުޑަކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ޒަހާ ވަނީ ކޮވިޑް-19 ގެ ހާލަތުގައި ވެސް ރާއްޖޭގެ ރައްޔިތުން ދަނޑުވެރިކަން ކުރުމުގައި ސާބިތުކަމާއި އެކު ތިއްބެވިކަން ފާހަގަކޮށް އެއީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަންވީ ކާބޯތަކެތި އުފެއްދުމުގެ ނިޒާމު ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ރައްކާތެރިކަމާއި އެކު އުފައްދާ އިތުރުވަމުންދާ އާބާދީއަށް ހިއްސާކުރުމަށްކަމަށެވެ.