މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވަނީ ގިންތިކުރުމުގެ ބިލާއި މެދު ބައެއް ފަންނުވެރިން ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ ޑްރާފްޓް އެކުލަވާލާފައިވަނީ ފަންނުވެރިންނާއި މަޝްވަރާ ކުރުމެއްވެސް ނެތި ކަމަށް ބައެއް ފަންނުވެރިން ދަނީ ބުނަމުންނެވެ.
އެކަމާއި ގުޅިގެން މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އެކުލަވާލާފައިވާ ޑްރާފްޓެއް ކަމަށެވެ. އަދި އެ ބިލުގެ ޑްރާޕްޓް އޭޖީއަށް ފޮނުވާފައިވާނީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނުވެރިންގެ ހިޔާލާއިއެކު ކަމަށް ޔުމްނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ބައެއް ފަރާތްތަކުގެ ހިޔާލު އަދި ނުލިބިވާކަން މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ އެ ބިލް މަޖިލީހަށް ފޮނުވުމުގެ ކުރިން އަދިވެސް އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެކަމަށާއި އެއަށްފަހު ބިލަށް ބަދަލު ގެނެވޭނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގިންތިކުރުމުގެ ބިލަކީ މުހިންމު ބިލެއްކަމަށެވެ.
އެކަމާއި ގުޅިގެން މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޑްރާފްޓްކުރެވޭ މަރުހަލާގައި ވެސް ފުޅާދާއިރާއެއްގައި ފަންނާނުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. އަދި މަޖިލީހަށް އެ ބިލު ހުށަހެޅުމުން ފަންނާނުންގެ އެ ހިޔާލާއި މަޝްވަރާ ފުޅާ މިނެއްގައި ހޯދާނެކަމުގެ ޔަގީންކަން އަރުވާކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފަ އެވެ.
ގިންތިކޮށް ދަރަޖަ ކަނޑައެޅުމުގެ ބިލުގައި ބުނާ ގޮތުން ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާއްމުކުރަންވާނީ މަރުކަޒަށް ހުށަހަޅައި ގިންތިކޮށް ދަރަޖަ ކަނޑައަޅައި ތަރުތީބުކުރުމަށްފަހު އެވެ.
ގިންތިކުރުމާއި ދަރަޖަ ކަނޑައެޅުމާއި ތަރުތީބުކުރަންޖެހޭ އުފެއްދުންތައް ތަކުގެ ތެރޭގައި ހިމެނެނީ:
- އަދަބީ އުފެއްދުންތައް
- ފިލްމް ނުވަތަ ވީޑިއޯ ނުވަތަ މޫވިން އިމޭޖެސް
- ސައުންޑް
- ރީބްރޮޑްކާސްޓްކުރާ ޗެނަލްތަކުން އާއްމުކުރާ އެފެއްދުންތައް
- ވީޑިއޯ ގޭމް ނުވަތަ އިލެކްޓްރޯނިކް ގޭމް
- އާއްމުކުރާ ފޮޓޯއާއި ކުރެހުން
އެ ބިލުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި އުފައްދާ އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާއްމުކުރުމުގެ ކުރިން އެތަކެތި ގިންތި ކުރުމާއި ދަރަޖަ ކަނޑައަޅައި ތަރުތީބު ކުރުމެވެ.
އެ ޑްރާޕްޓާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މޮޅެތި ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ޓެޑްރީ ވަނީ ރާއްޖޭގައި އާންމުކުރާ ލަވަޔާ މިއުޒިކާއި، ފިލްމާއި ޓީވީ، ކުރެހުމާއި ފޮޓޯ ގިންތި ކުރުމުގެ ގާނޫނެއް އުފަން ކުރަން އުޅޭކަން އެފަންނުތަކުގެ ފަންނުވެރިން ދެނަހުރިންތޯ ސުވާލުކުރައްވާފައެވެ.
އޭގެ އިތުރުންވެސް އެ ދާއިރާގައި ހިމެނޭ ގިނަ ފަންނުވެރިންތަކެއް ދަނީ އެ ބިލާއި ގުޅިގެން ފަންނުވެރިންގެ ހިޔާލު ހޯދާފައިނުވާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.