ޒަކަރިއްޔާ މަންސޫރު އެގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޭގެ ވަގުތެއްގަ އެވެ.
ޒަކަރިއްޔާ ވިދާޅުވީ ރާއްޖޭގެ މީހުން ކަމަށް ބެލެވޭ މީހުން ގެނައުމަށް ސަރުކާރުން މަަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަދި އެކަމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ފޮރިން މިނިސްޓްރީން އެ މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ ޒަކަރިއްޔާ ވިދާޅުވީ ސީރިއާގައި ތިބި ދިވެހިންގެ އަދަދުގެ ލިސްޓެއް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން އެތަނުގައި ދިވެހިންނަށް ލިބުނު ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓެއް ވެސް ނެތްކަން ފާހަގަކުރެއްވި އެވެ.
ހޯމް މިނިސްޓްރީ އިސްވެ އޮވެ، ބޭރުން އެގޮތަށް ގެންނަ ފަރާތްތަކާއި މެދު އަމަލުކުރެވޭނެ ގޮތުގެ ގާނޫނެއް ވެސް އޮތްއިރު ރިހެބިލިޓޭޓްކުރާނެ މަރުކަޒެއް ވެސް ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެކަން ރަނގަޅަށް ފަށައިގަތުމުގެ ކުރިން ކޮވިޑާއެކު މަަސައްކަތް މަޑުޖެހިގެންދިޔަ ކަމަށް ވިދާޅުވި އެވެ.
މާލޭގައި ތިބި އާއިލާތަކުން އެމީހުން ގެނައުމަށް ސަރުކާރާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެމީހުން ތިބޭ ތަނުގެ ވެސް ހާލަތު ބަދަލުވަމުންދާކަމަށް ވިދާޅުވި އެވެ. އެކަމަކު އެމީހުން ގެނައުމުގައި ހުރި ގޮންޖެހުންތައް ވެސް ވަރަށް ބޮޑަށް ފާހަގަކުރައްވަ އެވެ.
މީގެ ކުރިން ކަމާއި ބެހޭ އިދާރީތަކުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު 170 އެއްހާ ދިވެހިން ސީރިއާގެ ހަނގުރާމައަށް ގޮސްފައިވާ ކަމަށާއި އެއީ އެމީހުންނާއެކު ދިޔަ ކުޑަކުދިން ހިމެނޭ ގޮތަށް ކަމާއި ބެހޭ އިދާރާތަކުން ބުނެ އެވެ.