ads
މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް--
އިންޓަރނޭޝަނަލް ކަނެކްޓިވިޓީގެ ހަރަދު ކުޑަކުރަން ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލް ގެންނަނީ
އިންޓަނޭޝަނަލް ކަނެކްޓިވިޓީ އަށް ދާ ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

އައިޓީޔޫ އާއި ވިއެޓްނާމްގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިން ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލް ގައި މިނިސްޓަރު މަލީހް މިއަދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

އެ ބައްދަލުވުމަކީ ކޮވިޑް-19ގެ ހާލަތުގައި ޓެކްނޯލޮޖީ އަދާކުރާ ދައުރަކީ ކޮބައި ކަމާއި، އަވަސް ދުވެއްޔެއްގައި އިގްތިސާދު ރަނގަޅު ކުރުމަށް ޑިޖިޓަލް ޓެކްނޯލޮޖީ އާއި ކަނެކްޓިވިޓީގެ ދައުރަކީ ކޮބައިކަން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިިދާޅުވީ ކޮވިޑް-19ގެ ހާލަތު ބަދަލުކުރުމަށް އައިސީޓީ ވެގެންދިޔައީ ވަރަށް ބޮޑު އެހީތެރިޔަކަށް ކަމަށާއި ރައްޔިތުންނަށް ވަގުތުން މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ޓެކްނޯލޮޖީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ހިދުމަތަކަށް އިންޓަނެޓް ވެގެން ދިއުމާއި އެކު ސަރުކާރާއި، އައިއެސްޕީތަކުން މަސައްކަތްކޮށްފައި ވަނީ ނެޓްވޯކް ވީހާވެސް ރަނގަޅަށް ފޯރުކޮށްދެވޭތޯ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މޯބައިލް ޓެލެފޯނުގެ ހިދުތާއި، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދެވިފައިވާކަން ފާހަގަކުރެއްވި އެވެ. 

އަދި ކޮވިޑް-19ގެ ފުރަބަންދުގައި ފްރީ ޑޭޓާ އެލަވަންސް، ރީޗާޖު ކުރުމުން ޑިސްކައުންޓް އަދި ބިލަށް ފައިސާ ދެއްކުން ފަސްކުރެވޭނެ ގޮތް ހަދައިދީފައިވާ ކަމަށާއި ކޮވިޑް-19 ގެ ހާލަތުގައި އިންޓަނެޓް ބޭނުންކުރެވޭ މިންވަރު ދެގުނަ ވެގެންދިޔުމުން ރައްޔިތުންގެ އުއްމީދުތަކާއި އެއް ފެންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުން ގޮންޖެހުމަކަށް ވެގެން ދިޔަ ކަމަށް މިނިސްޓަރު މަލީހް ވިދާޅުވި އެވެ. އެހެންނަމަވެސް ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ވީޑިއޯ އަދި ސްޓްރީމިން ކޮލިޓީއަށް އެއްވެސް ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ބްރޯޑްބޭންޑް ސާވިސްތަކަށް ބަލާއިރު އިންޓަނޭޝަނަލް ކަނެކްޓިވިޓީ އަކީ ވަރަށް ބޮޑު ހަރަދެއް ދާ ކަމެއް ކަމަށާއި އެހެންކަމުން އިންޓަނޭޝަނަލް ކަނެކްޓިވިޓީ އަށް ދާ ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެކަކު އަނެކަކާ ދުރުގައި ތިބެން މިއަދު ޖެހިފައިވީ ނަމަވެސް، އެކަކު އަނެކަކާ ވާޗުއަލީ ގުޅުވައިދޭ އެއްޗަކަށް އައިސީޓީ ވެފައި ވާތީ ކޮވިޑް19ގެ ހާލަތުން ފިލާވަޅު ނަގައި، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ މިފަދަ ކަމަކަށްޓަކައި މިއަދު އައިސީޓީ ހިދުމަތްތަކުގެ ކޮލިޓީއާއި ކަވަރޭޖް އަދި އަގު މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އެ ބައްދަލުވުމުގައި އައިޓީޔޫގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު، އާއި ވިއެޓްނާމްގެ މިނިސްޓަރު އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ގުޔެން މަން ހުންގް، އަދި ވިއެޓްނާމްގެ ޕްރައިމް މިނިސްޓަރު ގުޔެން ޒުއަން ފުކްގެ އިތުރުން އެހެނިހެން ގައުމުތަކުގެ ޓެކްނޯލޮޖީ އާއި ބެހޭ މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް