އާ ސީޒަން އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، ގްރީން ސްޓްރީޓްސް ވެގެން ގޮސްފައިވަނީ ސީޒަނަށް ތައްޔާރުވުމަށް ޕްރެކްޓިސް ފެށި ތިންވަނަ ޓީމަށެވެ. މީގެ ކުރިން މާޒިޔާ އަދި ކްލަބު ވެލެންސިޔާއިން ވަނީ ޕްރެކްޓިސް ފަށާފައެވެ.
ގްރީން ސްޓްރީޓްސްއަކީ މިދިޔަ ސީޒަންގައި ގަދަ ހަތަރެއްގެ ތެރޭގައި ނިންމާލި ޓީމެކެވެ. އެ ޓީމަށް ކުރިން ކޯޗުކޮށްދިން ސުޒެއިން މިއަހަރުގެ ކުރީކޮޅު ޓީމުގެ ހެޑް ކޯޗުކަމުން އިސްތިއުފާ ދިނުމުން ފަހުން އެ މަގާމާ ހަވާލުވީ ކުރިން ފޯކައިދޫއަށް ކޯޗުކޮށްދިން ޒުވާން ކޯޗު އަލީ ނިސްތާރުއެވެ. ގްރީންގެ ޕްރެކްޓިސް މިއަދު ފެށީ ނިސްތާރުގެ ބެލުމުގެ ދަށުންނެވެ.
އާ ސީޒަނަށް ގްރީނުން ގެނެސްފައިވާ ކުޅުންތެރިންގެ ތެރޭގައި ޕާކިސްތާނުގެ ގޯލް ކީޕަރު ހަނީފު ސާގިބު ހިމެނެއެވެ. އޭނާ ވަނީ ރާއްޖޭގެ ގިނަ ޓީމުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ބީޖީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާއި އއ. މާޅޮސް އަދި ޓީސީ ސްޕޯޓްސް ކްލަބް ހިމެނެ އެވެ.
އާ ސީޒަންގައި ގްރީނުން ވާދަކުރަން ޖެހޭ ފުރަތަމަ މެޗުގައި ނުކުންނާނީ މެދު ކެނޑުމަކަށް ފަހު އެއްވަނަ ޑިވިޝަނަށް އަލުން ޕްރޮމޯޓްވެފައިވާ ކްލަބު ވެލެންސިޔާއާ އެވެ. ގްރީންއާ ވެލެންސިޔާގެ މެޗު އޮންނާނީ މިހާރު އޮތް ގޮތުނުް ނަމަ ޑިސެމްބަރު މަހުގެ ސާދަވަނަ ދުވަހުގެ ރޭ އެވެ.