ads
ފިޔަވަޅު އެޅުމަށް ފާސްކުރީ ހަސަދަ ފިލުވުމުގެ މަގުސަދުގައި: ޑރ. ޝަހީމް
ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ފާސްކޮށްފައިވަނީ ހަސަދަ ފިލުވުމުގެ މަޤުސަދުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފާސްކޮށްފައިވަނީ ހަސަދަ ފިލުވުމުގެ މަގުސަދުގައި ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ގުޅޭ ކޮމިޓީން ދިރާސާ ކުރި ރިޕޯޓް ފާސްކޮށްފައެވެ. އެ ރިޕޯޓްގައި ހިމެނޭ ކަންކަމުގައި ޖަމިއްޔަތުއްސަލަފާއި ޑރ. ޝަހީދަށް ފިޔަވަޅު އެޅުން ހިމެނެއެވެ.

މަޖިލީހުގެ އެ ނިންމުމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ ނިންމުމަކީ ގާނޫނު އަސާސީއާއި ހިލާފު ޣައިރު ޤަނޫނީ ނިންމުމެއްކަމަށެވެ. އަދި ފިޔަވަޅު އެޅުމަށް ނިންމުމަކީ މަޖިލީހުގެ ނިންމުމެއް ނޫންކަމަށް ވެސް ޑރ. ޝަހީމްގެ ޓްވީޓްގައި ވެއެވެ.

"... ކޮމިޝަންގެ ރިޕޯޓްގައި ނެތް ތުހުމަތު އުފައްދައިގެން ހަގީގީ ގާތިލުން ފޮރުވަން މަސައްކަތް ކުރަމުން ދިއުމަކީ ޖަރީމާއެއް" ޑރ. ޝަހީމްގެ ޓްވީޓްގައި ވެއެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ ހަތަރު "މަޒުހަބުގެ" ހަތަރު ވެރިން ގެނައި އަނިޔާވެރި ނިޒާމު ހަތަރު ކަނުން އިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އިންސާފު ލިބޭނެކަން ޔަގީންވީ ދުވަހަކުން އަބުރު ކަތިލި މީހުންނާއި ދެކޮޅަށް ދައުވާކުރާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

"ސަލަފް އާއި އަޅުގަނޑުގެ ނަން ރިޕޯޓްގައި ހިމަނައި ފިޔަވަޅު އަޅަން ނިންމީ އަޅުގަނޑުމެންނަކީ އެމްޑީޕީ އުނގަށް ނުވެއްޓި، ގައުމު ވިއްކާލަން ރިޝްވަތުގައި ނުހިފައި، މިނިވަންކަމާ އެކީ މިވަގުތާ ހަމައަށް އިސްލާމީ ހިދުމަތުގައި ދެމިތިބި ބަޔަކަށް ވީތީ ހަސަދަ ފިލުވުމުގެ މަގުސަދުގައެވެ." ޑރ. ޝަހީމް ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވެއެވެ.



ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީގެ ރިޕޯޓްގައި، ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓްގައި ހުރި ކަންކަމަށް ބަލާ ފިޔަވަޅު އަޅަންޖެހޭ 11 ކަމެއް ވަނީ ފާހަގަކޮށްފައެވެ.

އޭގެތެރޭގައި ޖަމިއްޔަތުއްސަލަފާއި، ރާއްޖޭގައި ހިންގާ އަލްޤައިދާގެ ޖަމާއަތާއި، އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފި ޖަމާއަތާއި ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ ޖަމާއަތަށް ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި އިތުރު 36 ފަރާތަކަށްވެސް ފިޔަވަޅު އެޅުން ހިމެނެއެވެ. އޭގެތެރޭގައި ޑރ. ޝަހީމް ނަންވެސް ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް