އިދާރާއެއް އުފައްދައި އުވާލުމުގެ އިޚްތިޔާރެއް އަދި ބާރެއް ވެސް ސުޕްރީމް ކޯޓަކަށް ނެތް ކަމަށް ހައިކޯޓުން ބުނެފިއެވެ.

Advertisement
އިދާރާއެއް އުފައްދައި އުވާލުމުގެ އިޚްތިޔާރެއް އަދި ބާރެއް ވެސް ސުޕްރީމް ކޯޓަކަށް ނެތް ކަމަށް ހައިކޯޓުން ބުނެފިއެވެ.
ހައިކޯޓުން މިފަދައިން ބުނެފައިވަނީ، 2016 ވަނަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމި ދެ މައްސަލައެއްގެ އިސްތިއުނާފު މައްސަލަތަކުގައި އިއްވި ހުކުމުގައެވެ.
ފަނޑިޔާރުންނާއި މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށުގައި އޮތް ޖުޑީޝަލް ޓްރެއިނިން ސެންޓަރު (ޖޭޓީސީ) ސުޕްރީމް ކޯޓުން އުވާލުމަށް ފަހު އެ ކޯޓުގެ ރޫލިންއަކުން 2015 ގައި ޖުޑީޝަލް އެކަޑަމީއެއް އުފެއްދުމުން ޖޭޓީސީގެ ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލުނުއިރު، އޭގެ ތެރެއިން ދެ މުވައްޒަފަކު ވަކިކުރީ ގާނޫނާ އެއްގޮތަށް ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ. އެހެން ކަމުން އެ ދެ މުވައްޒަފުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ ދެ މައްސަލަ ބައްލަވާފައިވަނީ، ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާނާއި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ހިމެނިވަޑައިގަންނަވާ ބެންޗުންނެވެ.
އެގޮތުން ހައިކޯޓުން މި ދެ މައްސަލައިގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން އަމަލު ކޮށްފައިވަނީ އެ ކޯޓަށް ލިބިގެންވާ ބާރުގެ ބޭރުން ކަމަށެވެ.
"... ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން (ރ) އާ ދެމެދު ބަޔާން ކޮށްފައިވާ
ނައްޞުތަކާއި، ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގެ ނައްޞަށް ބަލާއިރު ޤާނޫނު ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް އެއްވެސް މާނައެއްގައި އިދާރާއެއް އުފައްދައި އުވާލުމުގެ އިޚްތިޔާރެއް ބާރެއް ދީފައިވާކަން، ސީދާ އަދި ނުސީދާ ކޮށްވެސް ފެންނާން ނެތްއިރު، ..." ހައިކޯޓުގެ ހުކުމުގައި ވެއެވެ.
މި ދެ މައްސަލައިގައި ހައިކޯޓުން ޑީޖޭއޭގެ މައްޗަށް ހުކުމް ކޮށްފައިވަނީ، އެ ދެ މުވައްޒަފުންނަށް ހަތް ދުވަސް ތެރޭގައި އަލުން ވަޒީފާ ދިނުމަށާއި އެ މުއްދަތަށްވާ ފައިސާ އާއި އިނާޔަތްތައް އެ ދެ މުވައްޒަފުންނަށް ދިނުމަށެވެ.