ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ، ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހެވިކަމާއި ކުޅިވަރުތަކާއި މައިދާނީ ހަރަކާތް، ޝަރަރުވެރިކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، މިނިސްޓާ އޮފް ސްޓޭޓް، އަދި ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު އެވެ.
މިއައަހަރުގެ މިނިވަންދުވަހުގެ ޝަރަފުވެރި މެހެމާން ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު
މި ހަރަކާތްތައް ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ޕްރިންސް ޑރ. މަންސޫރު ބިން މުތްޢިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، އިއްޒުއްދީން ފާލަމަށް ފައިބާވަޑައިގަތުމުން، އެމަނިކުފާނަށް އިސްތިޤުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޅިވަރު ހަރަކާތުގެ ތެރެއިން
މިރޭގެ ހަރަކާތްތައް ރަސްމީ ގޮތުން ފެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި އެއާއެކު ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައްޔާއި، 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޅިވަރު ހަރަކާތުގެ ތެރެއިން
މިރޭގެ ސްކޫލް ދަރިވަރުންގެ ހަރަކާތުގައި، ޝަހީދު އަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ހަރަކާތަކާއި، ހޭވައްލާ ގުރޫޕުގެ ސަޤާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފައެވެ.
މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ، ހަވާ އެރުވުމުގެ ހަރަކާތުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;