ads
އައިލެންޑްސް ޑޮޓް އެމްވީ ހަވާލުކުރުމުގެ ތެރެއިން---
ރަށު ފަރުތުވެރިކަމާއި ގުޅޭ އައިލެންޑް.އެމްވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފި
ރާއްޖޭގެ ރަށް ރަށާބެހޭ ހުރިހާ މައޫލޫމާތު އެއްތަނަކުން ލިބޭ ވެބް ޕޯޓަލް، އައިލެންޑްސް.އެމްވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
Advertisement

މިއީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއިން ގުޅިގެން މަސައްކަތް ކުރި މަސައްކަތެކެވެ. 

ރަށު ފަރުތުވެރިކަމާއި ގުޅޭ އައިލެންޑްސް.އެމްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްއާ ހަވާލުކޮށްދެއްވީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ. އައިލެންޑްސް ޑޮޓް އެމްވީ އަކީ ރަށު ފަތުރުވެރިކަމާއިބެހޭ ކަންކަން ބެލެހެއްޓުމާއި އެތަނުން ލިބެން ހުންނަ ހިދުމަތްތަކާއި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތުގެ މައުލޫމާތު ލިބެންހުންނަ ޕޯޓަލެކެވެ. އެޕޯޓަލްގެ ދަށުން ކޮންމެ ރަށަކަށްވެސް ހާއްސަ ވެބްސައިޓެއް ހުރެއެވެ. 

މިނިސްޓަރު މަލީހު ވިދާޅުވީ އެ ވެބްސައިޓަކީ ވަރަށް ގިނަ ރަށްރަށުގެ މައުލޫމާތު ހިމެނޭ، ރަށު ފްރޮންޓް އޮފީހަށް އެހީތެރިވެދޭނެ އަދި ރަށް ޕްރޮމޯޓްކުރުމުގައި ބޭނުންކުރެވޭނެ ވަރަށް މުހިއްމު ޕޯޓަލްއެއް ކަމަށެވެ. އަދި އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓްރީ އާއި ހަވާލުކުރެވިގެން ދިޔުމުން ގެސްޓްހައުސް ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކުރުމަށާއި ރަށްރަށުގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނެއުމަށް ފަސޭހަވެ ރާއްޖޭގެ ޓޫރިޒިމް މުޅިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި ވަނީ ބޭނުންވާ މައުލޫމާތު ރަށްރަށުގެ ގެސްޓްހައުސް، ރެސްޓޯރެންޓް އަދި އެފަދަ ޓޫރިޒަމް އާއި ގުޅޭ ދާއިރާތަކުގެ ތަންތަނުން ހޯދުންކަން ފާހަގަކުރައްވާ މަލީހް ވިދާޅުވީ އުއްމީދަކީ އެ ޕްރޮޖެކްޓް އަކީ ކާމިޔާބު ޕްރޮޖެކްޓް އަކަށްވެ، ރާއްޖެއިން ބޭރުގައި ބައިވެރިވާ އެކިއެކި ފެއާތަކުގައި އައިލެންޑްސް ޑޮޓް އެމްވީ ޕްރޮމޯޓްކުރެވި ރާއްޖޭގެ ގެސްޓްހައުސްތަކާއި، އަތޮޅުތަކުގައި ހުރި ރެސްޓޯރަންޓުތައް އަދި އެހެނިހެން ޓޫރިޒަމް އާއި ގުޅުންހުރި ވިޔަފާރިތަަކަށް އެ ޕޯޓަލްގެ އެހީގައި ބޮޑު މަންފާއެއް ލިބުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އެ ވެބްސައިޓްގެ ފައިދާ މުޅި ރާއްޖެއަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ތަނަސްވެގެންދާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ހުޅުވިފައި ހުރި 95 އިންސައްތަ ގެސްޓްހައުސްގެ މައުލޫމާތު އެ ޕޯޓަލްގައި ހިމެނިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މުސްތަޤުބަލުގައި މި ވެބްސައިޓް ވެގެންދާނީ ދިވެހިރާއްޖޭގެ ވާހަކަ ކިޔައިދޭ ސައިޓަކަށް. ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީ ތަފާތު ދިރިއުޅުމެއް އުޅޭ ރަށަކަށްވެފައި، މި ވެބްސައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް އެ މައުލޫމާތު ފޯރުކޮށްދެވި، ކޮންމެ ރަށަކީ ބްރޭންޑަކަށް ހެދުމުގެ ފުރުސަތު ލިބިގެންދާނެ. މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމް އަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ޕޯޓަލް އެއް. މި ކަންތައް ކާމިޔާބު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ކައުންސިލްތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް