ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް
ވެންޓިލޭޓަރު މައްސަލަ: ޕީޖީގެ ނިންމުން މުރާޖައާ ކުރަން ޖުޑިޝަރީ ކޮމިޓީން އެދިއްޖެ
Share
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، އޭސީސީ އާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުން، ދައުވާ ކުރާނެ ހެއްކެއް އަދި ގަރީނާއެއް ފެންނަން ނެތް ކަމަށް ޕީޖީން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.
Advertisement

ޕީޖީގެ ނިންމުމާއެކު މައްސަލާގައި ހިލާފު އުފެދިފައި ވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މި މައްސަލަ އިތުރަށް ބައްލަވައިދެއްވުން އެދި ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވީ މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. 

އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި، ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ ގޮތުގައި ފަސްކަމެއް ވަނީ ހިމަނާފަ އެވެ. 

މައްސަލަ ދިރާސާ ކުރުމުގައި ކޮމިޓީއަށް ފާހަގަވެފައިވާ ކަންކަން 

1- ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގަތުމުގެ ހުރިހާ މަރުހަލާއެއްގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވާކަން ރިޕޯޓުން ހާމަވާން އޮތްކަން. 

2- ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމުގައި އަމަލުކޮށްފައި ވަނީ ދައުލަތުގެ ފައިސާއަށް ރައްކާތެރިވުމަށް އޮންނަ ގޮތްތައް އިހުތިޔާރު ކުރުމަށް ވުރެ ބޮޑަށް، ރައްކާތެރި ނުވެވޭނެ ގޮތްތައް އިހުތިޔާރު ކޮށްގެންކަން. 

3- މުޅި މާލިއްޔަތު ގަވާއިދުގެ މަގްސަދަކީ ދައުލަތުގެ ފައިސާއަށް ރައްކާތެރިވުން ކަމަށް ވާއިރު، އެ މަގްސަދު ގެއްލޭ ގޮތަށް ގަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެކަން. 

4- މި މައްސަލައަކީ އޭސީސީ އާއި ފުލުހުން ގުޅިގެން ކޮށްފައިވާ ތަހުގީގެއްކަން ބަޔާންކޮށްފައި ވީ ނަމަވެސް، ތަހުގީގުގައި ފުލުހުން ބައިވެރިވިކަން، ނުވަތަ ބައިވެރިވެފައިވާ މިންވަރު ވެސް ސާފު ނުވާކަން. 

5- މި މައްސަލާގައި ދައުވާއެއް ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ނިންމި ނަމަވެސް، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގެ ބައިވެރިވުމާއެކު، ޕީޖީގެ ނިންމުން އިތުރަށް މުރާޖައާކޮށް ދައުވާއެއް ކުރަން ފުރުސަތު އޮތްކަން. 

މައްސަލަ ދިރާސާ ކުރުމަށް ފަހު މިމަހުގެ 28 ވަނަ ދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން، ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށް ފާސްކޮށްފައި ވެއެވެ. 

އެ ތިން ހުށަހެޅުމަކީ، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާއެރުވުމާއި، ކޮމިޓީގެ ފުރަތަމަ ހުށަހެޅުމުގައި ވާގޮތަށް އަމަލު ކުރުމާއެކު، މި މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީއަށް ލަފާއެރުވުމާއި، މި މައްސަލަ އަލުން މުރާޖައާ ކުރުމާ މެދު ޕީޖީ އޮފީހުން ނިންމަވާ ގޮތެއް، ޖުޑީޝަރީ ކޮމިޓީއަށް އެންގުމަށް ދެންނެވުމެވެ. 

ވެންޓިލޭޓަރު މައްސަލާގައި އޭސީސީން ޕީޖީއަށް ފޮނުވި ރިޕޯޓުގައި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ އެދިފަ އެވެ. 

ނަމަވެސް ޕީޖީގެ ނިންމުމާއެކު މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި އެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވީ، މަޖިލީހަށް މައްސަލަ ވެއްދި ފަހުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް