މިއަދު ފާހަގަކުރަމުންދާ ސުނާމީއަށް ހޭލުންތެރިކުރުމުގެ ދުވަހާއި ގުޅިގެން ހިސާން ވިދާޅުވީ ގެއްލުންދެނިވި ބާރުގަދަ ސުނާމީއެއް ކުރިމަތިވުމަށް ގިނަ އަހަރުތަކެއް ނަގާ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދެއްކި ނަމަވެސް ސުނާމީއެއް ރާއްޖެފަދަ ނާޒުކު، ވަސީލަތްތައް މަދު ޖަޒީރާ ގައުމަކަށް ކުރިމަތިވުމަކީ އެކަމުން ލިބޭ ގެއްލުމުން އަރައިގަތުމަށް ގިނަ އަހަރުތަކެއް ނަގާކަމެއް ކަމަށެވެ.
އެހެންނަމަވެސް ސުނާމީ ފަދާ ކާރިސާއެއް އަތުވެދާނެ ކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ހޭލުންތެރިވެ ތައްޔާރުވެ ތިބުމަކީ މުހިއްމުކަމެއް ކަމަށް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަހްފޫމް ހިމެނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ވިލުންވެރި މުޖުތަމައެއް ބިނާ ކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކާއި، ގުދުރަތީ ބިނާވެށި ގެނެސްދެވޭނީ ހުރިހާ ފަންތިއެއްގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ވިސްނާ، ފަރުދީ ޒިންމާ އަދާ ކޮށްގެން ކަމަށް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު ފަސް ވަނަ ދުވަސް ސުނާމީއަށް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ. ގެ ޖެނަރަލް އެސެމްބްލީ އިން ނިންމީ 2015 ވަނަ އަހަރު އެވެ. މި ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާކުރުމުގެ އިތުރުން އެކަމަށް ދުރާލާ ތައްޔާރުވެ ހޭލުންތެރިވުމަށެވެ.
2004 ވަނަ އަހަރު ރާއްޖެއަށް ވެސް ސުނާމީގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. ރާއްޖޭގެ ބައެއް ރަށްތައް އެކީ ސުންނާފަތިވެގެން ގޮސްފައިވާއިރު އެރަށްރަށުގެ މީހުން އެހެން ރަށްތަކަށް ބަދަލުކުރަން ޖެހުނެވެ. ސުނާމީގައި ގެދޮރު ގެއްލުން އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ވަނީ ވަރަށް ފަހުންނެވެ.