މި މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހެޅީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
ޕީޖީ ގުރޫޕަށް 10 މެމްބަރުންގެ ސޮޔާއިއެކު ހުށަހެޅި ބަޔާނުގައި ބުނެފައި ވަނީ، ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާއިރު، އެ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ކަމަށެވެ.
އަދި އެ ގަވާއިދުތައް މިނިސްޓަރު މަލީހު ހައްދަވާފައި ނުވާއިރު މިކަމުގައި ޖަވާބުދާރީވުމަކީ، އެއިރެއްގައި މިިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ވަޒީރެއްގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި މަގާމުތަށް ހެއްދެވުމަށް މިނިސްޓްރީން ކުރި މަސައްކަތަށް މިނިސްޓަރު މަލީހުގެ އެއްބާރުލުން ދެއްވާފައި ނުވާ ކަމަށާއި، އެކަމަށް މިނިސްޓަރު މަލީހު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅުމާއެކު މަލީހް ވަނީ އަމިއްލަ ދިފާއުގައި ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދައްކަވަފަ އެވެ.
"ތިޔަ ހަވާލާދެވިފައިވާ ގާނޫނު ނުބައިކޮށް ޝަރަހަ ތިޔަ ކުރައްވަނީ. އެކަން އިސްލާހުކޮށް ލައްވާ. ތިޔަ މައްސަލަ ވައްދާ ކަމަށް ވާ ނަމަ ވައްދާނީ މިނިސްޓަރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ވީޓީވީ ޕްރޮގްރާމެއްގައި ބޭނުންކޮށްގެން ކަމަށް ލިޔުއްވީމަ ރަނގަޅުވާނެ. ކޭމް [ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް] ހިންގާ ގޮތް އޮޅުންފިލުއްވާ!" މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މަލީހް ތުހުމަތު ކުރެއްވިގޮތުގައި މި މައްސަލަ ވައްދަން އުޅެނީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ކުރުމުންނެވެ. އެހެންކަމުން "މިކައިލް ގޮވައިގެން ސުޕްރީމް ކޯޓަށް" ދާނެ ކަމަށް މަލީހު ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން. ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުން. މިއީ ނުރައްކަލުގެ ރަނގަބީލެއް. މިކައިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނަން،" އިތުރު ޓްވީޓެއްގައި ވެއެވެ.
މިކައިލްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ކުރައްވަމުން މަލީހް ވިދާޅުވީ މިކައިލްއަށް ގާނޫނު ނޭނގޭ ކަމަށާއި އެކަމާ ގުޅޭ ފިލާވަޅެއް ނަގައި ދޭން ޖެހޭ ކަމަށެވެ.
"2015 ވަނަ އަހަރު ފާސްކުރި 42، 43/2015 ވަނަ ގާނޫނުން ކޭމް އަށް މަތިކުރި ޒިންމާ މި ސަރުކާރުގެ މިނިސްޓަރަކު އުފުލަން ނުޖެހޭ. ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭ ގަރާރެއް. މިކައިލް ތި އޮތީ ނުވަ މެމްބަރަކު ގުއި ރޯނުގައި ޖައްސާފައި. ލަދުން ސަލާމަތްވުމަށް އަވަހަށް ސޮއި އަނބުރާ ގެންދަވާ،" މަލީހް ވިދާޅުވި އެވެ.
މަލީހުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެން ފިރުޝާން ވިދާޅުވީ ވަޒީރުންގެ އިތުބާރާ ގުޅޭ ކަންކަން ނިންމާނީ މަޖިލީހުން ކަމަށެވެ.
"ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ އިތުބާރާއި ގުޅޭ ކަންކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުން. ސުޕްރީމް ކޯޓު ނުވަތަ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ނޫން،" މީކާއިލް "ލައިކް" ދީފައިވާ އެ ޓްވީޓުގައި އޭނާ ވިދާޅުވި އެވެ.