ads
އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު-- ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ
ތިލަފުށީގައި ކުނި މެނޭޖު ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް އެމްޓީސީސީއަށް
މާލެ ސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ނިޒާމެއް ތިލަފުށީގައި ގާއިމް ކުރުމަށް 135.7 މިލިއަން ދިވެހި ރުފިޔާ (8.8 މިލިއަން އެމެރިކާ ޑޮލަރު) ގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މާލެ ސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ނިޒާމެއް ތިލަފުށީގައި ގާއިމް ކުރުމަށް 135.7 މިލިއަން ދިވެހި ރުފިޔާ (8.8 މިލިއަން އެމެރިކާ ޑޮލަރު) ގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި އެންވާރަމަންޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ސޮއިކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.



ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަހައްދީ ކުނި މެނޭޖު ކުރާނެ މަރުކަޒެއް ގާއިމް ކުރުމުގެ މަގުސަދުގައި ހިންގާ އެ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކ، އއ، އދ އަދި ވ އަތޮޅުގައި ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއު ކުރިއަށް ދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އާއި ބޭރުގެ އެހެން ޖަމިއްޔާތަކުގެ އެހީގަ އެވެ.

ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި ހިންގާ އެ މަޝްރޫއުގެ ދަށުން މިއަދު އެމްޓީސީސީއާ ހަވާލު ކުރީ ފުރަތަމަ މަސައްކަތްތަކެވެ. އެ މަސައްކަތުގެ ތެރެއިން ތަފާތު އަށް ކަމެއް 480 ދުވަހުގެ ތެރޭގައި އެ ކުންފުނިން ނިންމަން ޖެހެ އެވެ.

އެމްޓީސީސީން ކުރަން ޖެހޭ މަސައްކަތްތައް:

- މިހާރު ކުނި މެނޭޖްކުރަމުންދާ ބިމުގައި 300މމ ގެ ބޯމިނުގެ ތަޅުމެއް އެޅުން
- ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުން
- އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުން
- ވޯކްޝޮޕް ގާއިމުކުރުން
- ރިސައިކްލިން ޔާޑެއް ހެދުން
- ގާޑް ހައުސް އަދި ވެއިންގް ބްރިޖްއެއް ހެދުން
- ވެހިކަލް ޝެޑްއެއް ހެދުން
- ސައިޓްގެ ފެން ހިންދާ އަދި އަލިފާން ނިއްވާ ނިޒާމް ގާއިމްކުރުން

މިއަދު އޮތް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހުސެން ވިދާޅުވީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ތިލަފުށީގައި ރައްކާތެރި ނޫން ގޮތްތަކަށް ނައްތާލަމުންދާތާ މިހާރު 30 އަހަރު ވާން ގާތް ވެފައިވާ ކަމަށެވެ.

"އެހެންވީމަ ތިލަފުށީގެ ކުނީގެ ކަންތައް ހައްލުވެގެން ދިޔުމަކީ މާލެ ސަރަހައްދަށް ވެސް އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ވެސް ކުނީގެ މައްސަލަ ހައްލު ކުރުމަށް ވަރަށް މުހިއްމު ކަމަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބޮޑު ސަރަހައްދެއްގައި ބޯކޮށް ތަޅުން އެޅުމުގެ ބޭނުމަކީ ބަރު އުޅަނދު ފަހަރަށް އެ ސަރަހައްދަށް ވަދެވޭނެ މަގު ތަނަވަސް ކުރުމާއި، އެތަނުގައި ނައްތާލާ ކުނީގެ ތެރެއިން ނުރައްކާތެރި މާއްދާތައް ބިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ކުޑަ ކުރުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ސިއްހީ ގޮތުން ނުރައްކާތެރި އެއްޗެހި ވެސް ހިމެނިދާނެ. އެކަހަލަ އެއްޗެހި ބިމުގެ ތެރެއަށް ނުދާ ގޮތަކަށް ރައްކާތެރިކަމާއެކު ހުންނަ ތަޅުމަކަށް ވާން ޖެހޭ،" މިނިސްޓަރު ހުސެން ފާހަގަކުރެއްވި އެވެ.

އެ މަސައްކަތުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެއިންގް ބްރިޖެއް އެޅިގެން ދާއިރު، އޭގެ ސަބަބުން އުޅަނދު ފަހަރުގައި ކުނި ހުންނަ މިންވަރު ދެނެގަތުމަށް ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެމްޓީސީސީން މިހާރު ވެސް ދަނީ ތިލަފުށީގައި 11 މީޓަރުގެ ކީވޯލެއް ހަދަމުން ކަމަށާއި، 668 މީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓް ޖަހަމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި މަސައްކަތްތައް މުޅިން ނިމޭއިރުގައި ތިލަފުށީގައި ކުނި ޖަމާކުރަން މި އޮންނަ ސަރަހައްދަކީ ފަސޭހައިން ކައިރި ކުރެވި، ރައްކާތެރިކަމާއެކު ކުނި ބާލައި ޖަމާކޮށް، ޕްރޮސެސް ކުރުމަށް އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަ ތަނަކަށް ވާނެ،" މިނިސްޓަރު ހުސެން ވިދާޅުވި އެވެ.

މިނިސްޓަރު ހުސެން އިތުރަށް ވިދާޅުވީ އެމްޓީސީސީން މި މަސައްކަތް ހޯދީ ބައިނަލްއަގްވާމީ ބިޑެއްގައި ބައިވެރިވެގެން ކަމަށް ވުމުން، މިއީ ރާއްޖޭގެ ކުންފުނިތަކަށް ވެސް މިފަދަ ބޮޑު މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށާއި، އެކަމާ މެދު ދިވެހިން ފަހުރުވެރިވާނެ ކަމަށެވެ.

އެ މަޝްރޫއުގެ ފަހުގެ މަސައްކަތްތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ކުނި ވަކި ކުރާނެ މެޝިނާއި، ރީސައިކަލް ކުރާނެ މެޝިނާއި، ކޮންސްޓްރަކްޝަން ކުނި ރީސައިކަލް ކުރާނެ މެޝިން ވެސް ތިލަފުށީގައި ކުނި މެނޭޖު ކުރާ ސަރަހައްދުގައި ބެހެއްޓުމަށް ވަނީ ރާވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް