ދިޔާނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ރައީސް މައުމޫނަށް އަމާޒުކުރައްވާ ދެއްކެވި ވާހަކަފުޅަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވުމުން އެކަމަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ދިޔާނާ ވިދާޅުވީ، ރައީސް މައުމޫން ކިތަންމެ މަތީ ފާހެއް ނަންގަވައިގެން ހުންނެވި ނަމަވެސް އެމަނިކުފާނަކީ ޝަރީއަރުގެ ކުރިމަތީގައި ފާޅުކަން ބޮޑުގޮތެއްގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ. ދިޔާނާ މިމޭރުމުން ރައީސް މައުމޫނަށް ފާޑުވިދާޅުވީއިރު، އެކަމަނާގެ ފިރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަންނަނީ، އެމަނިކުފާނުގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވިކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެގޮތުން އެފައިސާ ހަވާލުކުރީ ރައީސް މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކަމަށްވެސް ޖާބިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މިވާހަކަފުޅަށްފަހު ދިޔާނާ ވަނީ، ދިރިތިބި ބައިވަރު ހެކި ހުރިނަމަވެސް ރައީސް މައުމޫން އިތުރުފުޅު ހެއްދެވުން އެއީ ވާރަށް ދެރަވަރު ކަމެއް ކަމަށް ސިފަކުރައްވާފައެވެ.
ރައީސް މައުމޫނަށް އަމާޒުކުރައްވައި މެމްބަރު އަހުމަދު ހަލީމް ފާޑުވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ ފައިދާ އިތުރުކުރުމަށް ސަރުކާރުން ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން ދޮންބިލެތް ވިދާޅުވީ ރާއްޖެއަށް ތަރައްގީ ނުލިބުނު ސަބަބަކީ އަޒްހަރުން ވަޑައިގެންނެވި މުދިމަކަށް ރާއްޖޭގެ ވެރިކަން ދިނުން ކަމުގައެވެ.
މިިވާހަކަފުޅަށް ރައްދުދެއްވައި ޑރ. ޝަހީމް ކުރެއްވި ޓްވީޓުގައި ވަނީ ރައީސް މައިމޫން ދިފާއުކުރައްވާފައެވެ. އެގޮތުން ރައީސް މައުމޫން އާއި ސިޔާސީގޮތުން ހިޔާލު ތަފާތުވި ކަމުގައިވިޔަސް، އަލް އަޒްހަރު ޔުނިވާސިޓީ އާއި ރައީސް މައުމޫންގެ އިލްމީ ފެންވަރާއިމެދު ޖޯކު ޖެހިގެން ނުވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.