ކޮރެޔާ ޑިސީސް ކޮންޓުރޯލް އެން ޕްރިވެންޝަން އޭޖެންސީ ބުނީ ހުކުރު ދުވަހު އެކަނި ވެސް 629 އާ ކޮވިޑް ކޭސް އެގައުމުން ފެނިފައިވާ ކަމަށެވެ. މިއީ މާޗް މަހުގެ ފަހުން ކޭސްތައް ގިނަވި ފުރަތަމަ ފަހަރެވެ.
އެ ގައުމުގެ ވެރިކަން ކުރާ ސިޓީ ކަމުގައުވާ ސިއޯލް އިން ވަނީ 235 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. އެ ސަރަހައްދަކީ ސައުތް ކޮރެއާގެ އެންމެ ބޮޑު އާބާދީ އޮންނަ ސަރަހައްދެވެ.
ހޮނިހިރު ދުވަހު ސަލާމަތީ ފިޔަވަޅުތައް ސައުތް ކޮރެއާގައި ވަރުގަދަ ކޮށްފައިވާއިރު އާދިއްތަ ދުވަހު އިތުރު ފިޔަވަޅުތައް އަޅަން ހަމަޖެހިފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެެވެ.
ކޭޑީސީއޭގެ އޮފިޝަލް ލިމް ޝޫކް ޔަންގް ބުނީ ޕޮޒިޓިވް ކޭސްތައް ފެންނަ ސަރަހައްދު މަދު ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ގިނަ ކަމަށެވެ. އަދި އެންމެންވެސް ބަލިން ރައްކާތެރިވުމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރެ އެވެ.
އެގައުމަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރާހަމަކޮށްފައިވާއިރު އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 36,915 ގަ އެވެ. އަދި އެމީހުންގެ ތެރެއިން 28،917 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ބުނެ އެވެ. ކޮވިޑްގައި އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 540 ގަ އެވެ.
މިހާރު އެގައުމުގައި ކޮވިޑް ފެތުރެމުންދާ ގޮތަށް ބަލި ފެތުރެމުންދާނަމަ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަވަސް ފަރުވާދޭ އެނދުތައް ފުރޭނެ ކަމަށް ކަމާއި ގުޅޭ އިދާރާތަކުން ވެސް ލަފާކުރެ އެވެ.
ކޮވިޑްގެ ފުރަތަމަ ރާޅާއި ދެވަނަ ރާޅު ކާމިޔާބުކަމާއެކު ކޮންޓްރޯލްކުރި އެތައް ގައުމަކަށް ތިން ވަނަ ރާޅުގެ އަސަރު ދަނީ ކުރަމުންނެވެ.
މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންނަށް ބަލާއިރު މިހާތަނަށް 66 މިލިއަން މީހަކަށް އެބަލި ޖެހިފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން 42 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑްގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު ވެސް ވަނީ 1.52 މިލިއަނަށް އަރާފަ އެވެ.
ކޮވިޑް-19 ގެ އެވްރެޖް ކޭސްތަކުގެ އަދަދު 487.9 އަށް މި ހަފްތާގައި އަރައިފައިވާއިރު ނިމި ދިޔަ ހަފްތާގައި ވަނީ 80 ކޭސް ރިޕޯޑް ކޮއަފައިވާ ކަމައް ކޭޑީސީއޭއިން މައުލޫމާތުދެއެވެ.