ads
ކުވެއިތުގެ ރައްޔިތަކު ވޯޓްލަނީ
ކުވައިތުގެ ޤާނޫނުހަދާ މަޖިލީހުގެ ވޯޓުލުން ފެށިއްޖެ
ކޮވިޓް19 ގެ ބިރު ކުވައިތުން ނުފިލާ އޮތް ދަނޑިވަޅެއްގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ފެށިއްޖެއެވެ.

މިއީ 2016ވަނަ އަހަރުން ފެށިގެން ޤާނޫނުހަދާ މަޖިލީހުގެ އިންތިހާބެއް އެ ގައުމުގައި ބާއްވާ ފުރަތަމަ ފަހަރެވެ. 

މި އަހަރުގެ އިންތިހާބުގައި 29 އަންހެނުން ހިމެނޭގޮތަށް 300 ކެންޑިޑޭޓުން މަޖިލީހުގެ 50 ގޮނޑިއަށް ވާދަކުރެއެވެ. ކޮވިޑް-19ގެ ސަބަބުން ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާތީ މި އަހަރުގެ އިންތިހާބަށް ތާއީދު ހޯދުމަށް ކެމްޕެއިނު ކުރުމުގެ ހަރަކާތްތައް މައިގަނޑުގޮތެއްގައި ހިންގާފައިވަނީ އިންޓަނެޓާއި ޓީވީ މެދުވެރިކޮށެވެ. 

ކެމްޕެއިނު ކުރުމުގައި ގިނަ ކެންޑިޑޭޓުން އަލިއަޅުވާލާފައިވަނީ ހީނަރުވެ ބަލިކަށިވެފައިވާ ކުވައިތުގެ އިގްތިސާދާއި ކޮރަޕްޝަނާއި ގައުމުގެ އާބާދީ ބެހިފައިވާ ގޮތަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 567،694 މީހުންނަށް ލިބިފައިވެއެވެ. އެހެން އިންތިހާބުތަކާއި އަޅައި ބަލައިއިރު މި އަހަރުގެ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ކޯވިޑް-19ގެ ސަބަބުންނާއި 2012ވަނަ އަހަރުގައި އެ ގައުމުގެ ވޯޓުލާ ނިޒާމު ބަދަލުކުރުމުން ވޯޓުގައި ބައިވެރިވުމަށް ދެކޮޅުހަދާ މީހުންގެ ސަބަބުން މަދުވާނެކަމަށް ބެލެވެއެވެ.

މި އިންތިހާބަށްފަހު ކުވައިތުގައި މިހާރު އޮތް ސަރުކާރުން އިސްތިއުފާ ދިނުމަށްވަނީ ހަމަޖެހިފައެވެ. ކުވައިތުގެ ވަޒީރުންގެ މަޖިލީހާއި ޤާނޫނުހަދާ މަޖިލީހާއި ދެމެދު ގިނަ މައްސަލަތައް އުފެދި ސަރުކާރަށް ބަދަލުގެނައުމާއި ޤާނޫނުހަދާ މަޖިލީސް އުވާލުންފަދަ ގިނަ ކަންކަންވަނީ ފާއިތުވި ދުވަސްތަކުގައި ހިންގާފައެވެ.

 މިހާތަނަށް ކުވައިތުގައި 143،917 މީހުންނަށް ކޮވިޑް ޖެހި 886 މީހުންވަނީ މަރުވެފައެވެ. ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގައި 343 މީހުންނަށް ބަލިޖެހި ދެ މީހުންވަނީ މަރުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް