ads
މިއަދު ސްޕޯޓްސްކޯ އާއި އެޗްޑީސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން--- ފޮޓޯ: އެޗްޑީސީ
ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށް އެޗްޑީސީ އާއި ސްޕޯޓްސްކޯއިން އެއްބަސްވުމަކަށް
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން (ސްޕޯޓްސްކޯ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކުޅިވަރު ކުޅޭނެ ތަންތަން ގާއިމުކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
Advertisement

މިއަދު އެޗްޑީސީގެ އިމާރާތުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެޗްޑީސީ އާއި ސްޕޯޓްސްކޯ އާއި ދެމެދު މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޝުހައިލް އަހްމަދެވެ. އަދި ސްޕޯޓްސްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހްމަދެވެ.

މިއަދު ސޮއިކުރެވުނު އެ އެމްއޯޔޫގެ ސަބަބުން ތަފާސްހިސާބުތަކުގެ އަލީގައި އެކަށީގެންވާ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި، އަދި ކުޅިވަރު ކުޅޭ ފެސިލިޓީތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ލިބި، ޒަމާނީ ކުޅިވަރު ފެސިލިޓީތައް ގާއިމްވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ކުޅިވަރުގެ އެކި ދިރާސާތައްކޮށް، ޑޭޓާ ލިބުމަށް މަގުފަހިވެގެންދިއުމުގެ އިތުރުން ކުޅިވަރު ދާއިރާއަށް ބޭނުންވާ ޓެކްނިކަލް ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގައި، އެތުލީޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކަށް ވެސް ދޮރު ހުޅުވިގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ތިން އަހަރުގެ މުއްދަތަކަށް އޮންނަ އެ އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ބިންތަކާއި، އެފަރާތުން ތަރައްގީކުރާ ކުޅިވަރާއި ގުޅުންހުރި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ އިތުރުން ދެފަރާތުން ގުޅިގެން އެޗްޑީސީގެ ދަށުގައިވާ އެކި ބިންތަކުގައި ކުޅިވަރު ކުޅެވޭނެ ތަންތަން ގާއިމްކުރުމަށް މަސައްކަތްކުރާ އެ ކޯޕަރޭޝަނުން ބުނެއެވެ. 

އަދި އެޗްޑީސީ އާއި ސްޕޯޓްސްކޯ އިން ކުރިއަށް ގެންދާ ކުޅިވަރާއި ގުޅުންހުރި އެކި ދިރާސާތައް ދެފަރާތުން ހިއްސާކުރުމަށާއި، ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕްރޮގްރާމް ހިންގުމާއި ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާއި ގޮތްތައް މި އެމްއޯޔޫގެ ސަބަބުން ކަނޑައެޅިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް