ads
ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެމް. މުނީރު އޭ. ސަފިލްޑިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް ވަދާޢީ ޒިޔާރަތް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ދެމިހުންނާނަން: ފަޒްނާ
އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް މުޅި މުޖުތަމައުގެ ދައުރު އިތުރަށް ފުޅާކުރަން ޖެހޭ ކަމަށާއި، ކުޑަކުދިންގެ ހަައްގުތައް ރައްކާތެރި ކުރުމުގެ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް)ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެމް މުނީރު އޭ ސަފިލްޑިން، މެޑަމް ފަޒްނާ އަހްމަދުގެ އަރިހަށް މިއަދު ވަނީ ވަދާއީ ޒިޔާރަތް ކުރައްވާފަ އެވެ. 

އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުންނާއި ޑރ. މުނީރު ސަފިލްޑިން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ވަކިން ހާއްސަކޮށް އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ. 

އެ ބައްދަލުކުރެއްވުމުގައި ފަޒްނާ ވަނީ، އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ގާނޫނީ ގޮތުންނާއި، އިޖުތިމާއީ ދާއިރާއިން، އަދި މިފަދަ ކަންކަމާމެދު މުޖުތަމައުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ، އެ ކަންކަން އިތުރަށް ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން، އެ ކަމުގައި މުޅި މުޖުތަމައުގެ ދައުރު އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ވެސް އެކަމަނާ ވާހަކަ ދެއްކެވިއެވެ. އަދި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމުގެ ޔަގީންކަން އަރުވައި، ޑރ މުނީރު ސަފިލްޑިންއަށް ފަހު ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކާ އެކުގައި ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޑރ މުނީރު ސަފިލްޑިން ދެއްކެވި ވާހަކައިގައި އެ މަނިކުފާނު ވަނީ، ޔުނިސެފްގެ ޗައިލްޑް ރައިޓްސް އެޑްވޮކޭޓްގެ ގޮތުގައި މެޑަމް ފަޒްނާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތް ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ކަންކަން އިސްލާހުކޮށް އިތުރަށް ހަރުދަނާކުރުމަށް ޔުނިސެފްއިން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ވަކީިން ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ޔުނިސެފްއާ ގުޅިގެން އެކަމަނާ އަދާކުރެއްވި ދައުރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ މުނީރު ސަފިލްޑިން ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ގާނޫނު ވުޖޫދަށް ގެނައުމާއި، ކުށްކުރާ ކުޑަކުދިން ބަންދުކުރާ ތަނަކީ އެކަށީގެންވާ ތަނެއްކަމުގައި ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި މެޑަމް ފަޒްނާ އަދާކުރައްވާފައިވާ ދައުރު ފާހަގަކުރައްވާ، އަދި ޔުނިސެފްގެ އޮފީހަށް ޒިޔާރަތްކުރައްވާ، އެ ޖަމުއިއްޔާގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާތީ، އެ ކަމަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. 

ކުރިއަށް އޮތް ތަނުގައި އެ ދާއިރާއިން ކުރުމަށް ރާވާފައިވާ ގިނަ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން، ސަރުކާރާއި ޔުނިސެފް ގުޅިގެން ހިންގުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކާއި، މީޑިއާ މެދުވެރިކޮށް ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް