ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ޓްވީޓު ކުރެއްވި އެ ބަޔާނުގައި ބުނެފައި ވަނީ ލަންކާގެ ރައީސް އެދިވަޑައިގެންނެވީ ކޮވިޑުގައި މަރުވާ ލަންކާ މުސްލިމުން އެގައުމުގައި ވަޅުލެވޭނެ ގޮތް ހަމަޖައްސަން ދަތިވުމުން ރާއްޖޭގައި ވަޅުލުމަށް ކަމަށެވެ.
ރައީސް ސޯލިހު މިހާރު ގެންދަވަނީ އެކަން ކުރެވޭނެ ގޮތްތައް ބެލުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެ. އެކަމަށް އެއް ބަޔަކު ތާއީދު ކުރަމުން ދާއިރު ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އެކަމާއި ގުޅިގެން މެންބަރު އަލީ ހުސެއިން ވަނީ މުސްލިމަކު މަރުވުމުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު އޭރު ހުރި ބިމެއްގައި ކަފުންކޮށް ކަށު ނަމާދުކޮށް ވަޅުލުން ނޫންތޯ ސުވާލުއުފައްދަވާފަ އެވެ.
އަލީ ހުސެއިން ވިދާޅުވީ ލަންކާގެ މުސްލިމުން ވެސް އެދޭނީ އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ވަޅުލުމަށް ކަމަށެވެ. އަދި އަލީ ހުސެއިން ވަނީ ލަންކާގެ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންތޯ ސުވާލު އުފައްދަވާފަ އެވެ.
އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން އެގައުމުން އެދުމާއެކު ބޮޑު ބަހުސެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެގޮތަށް މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް އެގައުމުގެ ފަރާތުން އެދުނު ކަން އެނގިފައި ނުވާ ކަމަށް ލަންކާ ކެބިނެޓުގެ ތަރުޖަމާނު އަދި މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލާއާ ހަވާލާދީ ނިއުސް ސެންޓާއިން ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ގައި މަރުވާ މީހުން އަންދާލުމަށެވެ. ނަމަވެސް މުސްލިމުން އެގޮތައް އަންދާލުމަކީ އެގައުމުގެ މުސްލިމުން ނުރުހުން ފާޅުކުރަމުން ގެންދާ ކަމެކެވެ.