ads
ޑރ.މުނީރު ރައީސް އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޔުނިސެފްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެމް.މުނީރު އޭ. ސަފިލްޑިން، ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައި ވާހަކަދައްކަވަމުންނެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޑރ. މުނީރު ސަފިލްޑިންގެ އިސްގެންގެވުމުގެ މަތިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކޯވިޑާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް، ޔުނިސެފްއިން ކުރި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެގޮތުން ރައީސް ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އެ ކުދިންނަށް ހޯދައިދީފައިވާ ހައްގުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. މުނީރު ސަފިލްޑިން ވިދާޅުވީ، ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ރާއްޖޭގައި އަދާކުރެއްވި މަސައްކަތްޕުޅާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ކޯވިޑުގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި، މި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްތަކަށް ޑރ. މުނީރު ސަފިލްޑިން ތައުރީފު ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް