ads
ވީޑިއޯ ރިޕޯޓް:-
ޖިއާންގެ މަރަށް ދެއަހަރު: ލިބުނު އިބުރަތެއް ނެތް!
2018 ވަނަ އަހަރު ޑިސެމްބަރު މަހު 16ވަނަ ދުވަހު ދިވެހިން ސިއްސުވާލި ހަބަރަކަށްވެގެން ދިޔައީ ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އެ ކުއްޖާއަށް ސީރިއަސް އަނިޔާ ތަކެއް ލިބުނު ހަބަރެވެ. މިހާދިސާއަށް އިއްޔެ ދެއަހަރު ވީއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން އެވެ. މިފަދަ ހިތާމަވެރި ހާދިސާއެއްގައި ޖިއާންގެ މަރު ވެގެން ދިޔުން ވެގެން ދިޔައީ ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާގައި ކުރިމަތިވާ އެކި ކަންކަމަށް މީހުން ދެމުން އައި ބީރުކަންފަތް ހުޅުވާލަން މަޖުބޫރު ކުރުވިކަމަށެވެ. އެކުލަވާލާފައިވާ އުސޫލުތަކާއި ގައިޑުލައިނުތަކަށް އަމަލު ކުރާތޯ ބަލާ، ފިޔަވަޅުއެޅުމަށް މަޖުބޫރު ކުރުވި ހާދިސާއެކެވެ.

އެގޮތުން މި ހާދިސާއަށް ފަހު މާލެ ސިޓީ ކައުންސިލުން 2018 ވަނަ އަހަރު ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓުތަކުގެ ތެރެއިން ރައްކާތެރިނޫން ކޮންސްޓްރަކްޝަން ސައިޓުތައް ދެނެގަތުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި މާލެ ސިޓީ ކައުންސިލް، އެޗްޑީސީ އަދި ހައުސިންގް މިނިސްޓްރީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކާއެކު ސައިޓުތަކުގެ ސަލާމާތީ ކަންކަން ބެލުމުގެ ޕްރޮގްރާމެއް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ފަށާފައިވެއެވެ.

ނަމަވެސް މިއަދާއި ހަމައަށް ޖިއާންގެ މަރުގެ ހާދިސާއިން އިބުރަތެއް ނަގާ، މާލެ ސިޓީގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އޭރު ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ނުފެނެއެވެ. ޖިއާންގެ މަރަށް ދެ އަހަރުވީއިރު، މި ކަމުން އިބުރަތެއް ހާސިލުކޮށް، ކޮންސްޓަކްޝަން ސައިޓުތަގެ ސަބަބުން ރައްޔިތުންނަށް ހުރި ގެއްލުންތަކުން ސަލާމަތް ވުމަށް އެޅި ފިޔަވަޅުތަކަށް އަމަލުކުރޭތޯ އެކިށީގެންވާ ގޮތެއްގައި ބެލިފައެއް ނުވެއެވެ. މިކަން އެނގިގެން ދިޔައީ 2019 ވަނަ އަހަރު ޖުލައި މަހު ހުޅުމާލޭގެ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ބިދޭސީއަކު މަރުވުމުންނެވެ. 

އިމާރާތް ކުރުމުގެ ދާއިރާގައި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށޭނެ ގޮތުގައި ނޭޅުމުގެ ސަބަބުން އަދިވެސް މަގުމައްޗަށް އެކި އެއްޗެހި ވެއްޓިގެން، އެކަމާ މީހުން ކަންބޮޑުވުން ފާޅު ކުރެއެވެ. މީގެ އިތުރުން ބާވެ ހަލާކުވަމުން އަންނަ އިމާރާތްތަކުގެ ތަންގަނޑުގަނޑު މަގުމައްޗައް ފައިބާ، މީހުންނަށް އަނިޔާވާ މިންވަރުވެސް ވަކި މަދެއް ނޫނެވެ. 

މިފަދަ ކޮންމެ ހާދިސާއެއް ހިނގުމުން މިކަމަށް ފިޔަވަޅުއަޅާ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކަމާ ގުޅޭ އިދާރާތަކުގެ ޒިންމާއެކެވެ. ނަމަވެސް އެ އިދާރާތަކުން ޒިންމާ އަދާކުރާތަން ފެނިގެން ދަނީ މަދު ފަހަރަކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް