މާޅެންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައިވަނީ އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
އެ މަޝްރޫއުގެ ތެރެއިން ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ސާމާނު މާޅެންދޫއަށް ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ 26 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 11.7 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމުގެ މަސައްކަތާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 250 ކިއުބިކް މީޓަރުގެ 3 ތާންގި ބެހެއްޓުމުގެ އިތުރުން ގޭބިސީތަކުގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގޭބިސީތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
އޭގެ އިތުރުން އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ގާއިމް ކުރުމުގެ މަސައްކަތާއި، 1 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމް ކުރުމުގެ އިތުރުން ގޭބިސީތަކުގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގޭބިސީތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އުޅަނދާއި، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
22 މަހުގެ މުއްދަތަކަށް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 42.98 މިލިއަން ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.