ޝޭހް އާދަމް ނިޝާން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަމުން ދާއިރު އަދިވެސް މިސްކިތުގެ ޖަމާއަތް ހެދުމަށް ނިންމާފައިވާ ނިންމުންތަކާއި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ދީނީ ދަރުސް ދިނުން ހުއްޓާފައި އޮތް އޮތުމަށް ލުޔެއް ލިބޭ ތަން ނުފެންނަ ކަމަށެވެ.
މިސްކިތުން ހެޔޮ ބަހެއް އަދި ނަސޭހަތެއްގެ އަޑު މިހާރު އެއްގޮތަކަށް ވެސް ނީވެތީ އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުން ކަމަށާއި އެމީހުންގެ ކަންބޮޑުވުމާއި ސުވާލަކީ އެހެން ކަންކަން ބަރާބަރަށް ކުރެވޭއިރު މިސްކިތުގައި ހެޔޮޮ ނަސޭހަތެއް ދިނުމަށް އެޗްޕީއޭއިން ހުއްދަ ނުދެނީ ކީއްވެތޯ ކަމަށް ޝޭހް އާދަމް ނިޝާނުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެޗްފީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުންދަނީ ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދާތީ އެވެ. އެގޮތުން މިހާރު ވަނީ ރޭގަނޑު 12:00 އިން ފަތިހު 4:00 އާ ދެމެދު މީހުން ނުކުތުމާއި ވެހިކަލް ދުއްވުން މަނާކުރުމަށް އިއުލާނުކޮށްފައި އޮތް ކާފިއު އުވާލާފަ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާތްތައް ބާއްވަން ހުޅުވާލުމަށް ނިންމާ ލުއިތަކެއް މި ހަފްތާ ތެރޭގައި ދީފައި ވެއެވެ.