
ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ބުނީ ދުވުންތެރިއެއްގެ ރޯލަށް ފިޓުވާން ބުރަ މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރީ ފިލްމަށް ތައްޔާރުވުމަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ކޮވިޑާ ގުޅިގެން ލޮކްޑައުނަށް ދިޔުމާއެކު ޖިމަށް ދެވޭނެ ގޮތެއް ނެތް ކަމަށާއި އެހެންވުމުގެ ސަބަބުން ދެ އަހަރު ކުރި މަސައްކަތް ބޭކާރުވި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ހަށިގަނޑުގެ ބާރު ދެރަވެ، ދުވުންތެރިއެއްގެ ހަށިގަނޑުގެ ސިފަ ގެއްލެން ފެށި ކަމަށް އޭނާ ބުންޏެވެ.
އެހެން ނަމަވެސް ގޭގައި ހުރެގެން ކަސްރަތު ކުރިއަށް ގެންދިޔެއީ ކަމަށާއި ކޮންމެ ދުވަހަކު ދިރިއުޅޭ އިމާރާތުގެ 45 ބުރިއަށް ސިޑިން ދުވެފައި އަރައި ފައިބާ ހެދުމުން ދެ ކިލޯމީޓަރުގެ ސަރަހައްދެއްގައި ދުވުމާ އެއްވަރުގެ ބުންވަރު ލިބޭ ކަމަށް ތާޕްސީ ބުނެފައި ވެއެވެ.
ތާޕްސީ އިތުރަށް ބުނީ ބުންވަރު އިތުރު ކުރަން ޑަޔަޓަށް ބަދަލު ނުގެންނަ ކަމަށާއި ނަމަވެސް ކަސްރަތުގެ ސަބަބުން މަސްތައް ޓޯންވުމުގެ ސަބަބުން ދެ ކިލޯގްރާމު ބަރުވެފައިވާ ކަމަށެވެ.
"ރާޝްމީ ރޮކެޓް" އަށް ތައްޔާރު ވާން ތާޕްސީ ކުރި މަސައްކަތުގެ ވާހަކަ ހިއްސާކޮށްފައި ވާއިރު، އޭނާ ވަނީ ކަސްރަތުގައި އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް މީގެ ކުރިން ހިއްސާކޮށްފަ އެވެ.