ސައުދީން އެ ގައުމުގެ ބޯޑަރުތައް އަލުން ބަންދުކޮށްފައި މިވަނީ ޔޫރަފުގައި ކޮވިޑްގެ އައު ވައިރަހެއް ފެނި އެ ބަލި ފެތުރުން އެ ސަރަހައްދުގައި ކޮންޓްރޯލުން ނެއްޓިފައިވާތީކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.
ސައުދީ ސަރުކާރުން ބުނީ އެ ގައުމުގެ ކަނޑާއި ވައިގެ އިތުރުން އެއްގަމު ހުރިހާ ބޯޑަރެއްވެސް އިއްޔެއިން ފެށިގެން ހަފްތާއަކަށް އަނެއްކާވެސް ވަނީ ބަންދުކޮށްފައިވާކަމަށާއި މި ނިންމުން ނިންމާފައިވަނީ ސައުދީގެ ސިއްހީ ވުޒާރާއިގެ ކުއްލި ބައްދަލުވުމަކަށްފަހުކަމަށެވެ.
މި ނިންމުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް އުމްރާއަށް ހުޅުވާލާފައިވާ ފުރުސަތުވެސް މި މުއްދަތުގެ ތެރޭގައި ބަންދުވާނެކަމަށް ސައުދީއިން ބުނެއެވެ.
ސައުދީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅާއި އެކު އެގައުމަށް މިމަހުގެ 8 ވަނަދުވަހުގެ ފަހުން ޔޫރަޕުން އެތެރެވި އެންމެން ދެ ހަފްތާއަށް އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ.
ކޮންމެ ފަސް ދުވަހަކު އެމީހުން ކޮވިޑަށް ޓެސްޓްކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި ކޮވިޑްގެ އައު ވައިރަސް ފެތުރޭ ހިސާބަކުން މީގެ ތިންމަސްކުރިން ސައުދީއަށް އެތެރެވި މީހުންވެސް ކޮވިޑަށް ޓެސްޓްކުރުމަށް ވަނީ އަންގާފައެވެ.
ސައުދީއަށް އެތެރެވުން މަނާކުރިނަމަވެސް އެގައުމަށް އެތެރެވެފައި ބިދޭސީން އެނބުރި އެމީހެއްގެ ގައުމަށް ދިޔުމަށް ފުރުސަތު ދޭނެކަން ސައުދީ ސަރުކާރުންވަނީ ބުނެފައެވެ.
ކޮވިޑްގެ އައު ވައިރަހެއް އިނގިރޭސިވިލާތުން ފެނި އެގައުމު ވަނީ އަނެއްކާވެސް ފުރަ ބަންދުކޮށްފައެވެ. މިހާތަނަށް ފެނުނު ކޮވިޑް ވައިރަހަށްވުރެ މި ވައިރަސް ފެތުރޭ މިންވަރު މާ ފަސޭހަވެފައި ހަލުވިކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.
މި ސަބަބާހުރެ ގިނަ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ބޯޓަރު ބަންދުކޮށް އިގެރޭސިވިލާތާ އޮށްނަ ވައިގެ ދަތުރުތަށް ވަގުތީގޮތުން މެދު ކަޑާލާފައެވެ.