ads
ވާހަކަ: މުސްކުޅިޔާ
ވާހަކަ: މުސްކުޅިޔާ
"މި ހުރީނު." ކުއްލިއަކަށް ސިހިފައި އަހަރެން ބަލައިލީ ފުރަގަހުން މީހަކު ވާހަކަދައްކާތީއެވެ.
(ތިންވަނަ ބައި)

"މި ހުރީނު." ކުއްލިއަކަށް ސިހިފައި އަހަރެން ބަލައިލީ ފުރަގަހުން މީހަކު ވާހަކަދައްކާތީއެވެ.
"ކަލޭއަކަށް ނޭނގޭތަ ބޭރަށް ނުކުމެއްޖެ ނަމަ ގެއަށް އަންނަން ޖެހޭނެ ކަމެއް. އެ ކުދިން އެތިބީ ކައިގެން ބޯނެ ފެންފޮދެއް ނެތިގެން ހިންދިރުވައި ނުލެވިފައޭ. ކަލޭއަށް އެވަރު ނުވިސްނޭތަ؟" ރުންކުރު ރާގެއްގައި ވާހަކަދައްކަމުން އައިސް އެމީހާ އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ.

"ތަނަކުން މީހަކު ފެންނައިރަށް މަޑުކުރަން ޖެހޭތަ؟ މިހާރު ހިނގާ ގެއަށްދާން. މާ މަސައްކަތްކުރާ މީހަކަށް ހެދިގެން ބަރޯ ހިފައިގެން ނުކުންނާނެ. ރަނގަޅަށް ލޮލަށް ނޭގުނަސް ރޭގަނޑު ބޭރުގަ އުޅެންވާނެ. އާނ އޭރުންނެއްނު އެހެން މީހުން ކުރިމަތީގަ އަހަރުމެންގެ އަގުވެއްޓޭނީ،" އެ ފިރިހެން މީހާ ރާގުބަދަލުވަމުން ދިޔައެވެ. "މިހާރު ބުނެފިން މުސްކުޅިންނަކީ ގޭގައި ތިބެން ޖެހޭ ބައެކޭ. މަސައްކަތްކުރާ އުމުރު ފަހަނައަޅާއި ދިޔައީމަ ނުޖެހޭނޭ ގެއިން ބޭރަށް ނުކުންނާކަށް."

"ހިނގައިދާން. ދެންވެސް ހުންނާނީކީ ނޫން. މަށަކަށް ކެއްސަމުން ލޯގަނޑު އުކައެއް ނުލެވޭނެ. އަންނަންޏާ އާދޭ."
ކުދިކިޔަމުން ހުސެންފުޅުބޭގެ ދުރައްޖައްސައި ބަރޯ ހިއްލައިލަމުން އެމީހާ ފަހަތްބަލައިލިއެވެ.

ހުސެންފުޅުބޭ ބަލައިލީ އަހަރެންގެ މޫނަށެވެ. މަޑުމަޑުން ހުސެންފުޅުބޭގެ އަތުގައި އަހަރެން ހިފައިލީމެވެ. ފިނިފިނި އަތެކެވެ. ނޭނގޭ ތުރުތުރެއް ހުސެންފުޅުބޭގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. ހުސެންފުޅުބޭ ކުރިއަށް ހިނގައިގަތެވެ. އަހަރެން ވެސް މަޑުމަޑުން ހިނގައިގަތީމެވެ. އޭރު އެ ފިރިހެން މީހާ ބަރޯ ދުއްވަމުން ކުރިއަށް ދެއެވެ. އަހަރެންގެ ސިކުނޑީގައި ތަފާތު އޮއިވަރުތައް އެނބުރެމުން ސެނބުރެމުންދިޔައެވެ. އެންމެ ބޮޑު ސުވާލަކަށްވީ އެއީ ކޮން ފިރިހެނެއްތޯ އުފެދެމުން ދިޔަ ސުވާލެވެ. އަހަރެން އެ މޫނު ކޮންމެ ވެސް ތަނަކުން ދުށް ހަނދާންވާން ފެށިއެވެ. މިއަދުވެސް އެ މޫނު ފެނުނު ހަނދާންވާން ފެށިއެވެ. ކުއްލިއަކަށް ހަނދާނުގެ ދުރުމިން މަންޒަރު ސާފުވިއެވެ. އާއެކެވެ. އެއީ މިއަދު ރާޒުވާ ކުޅޭ ތަނުގައި އިން މީހާއެވެ. އެއީ ވާފިރެވެ.

އަނެއްކާ އަނެއް ސުވާލުތައް އެނބުރިގަތެވެ. ވާފިރު އެދެއްކި ވާހަކައާ މިއަދު ފެންނަމުން މި ދިޔަ މަންޒަރުތަކާ ގުޅުމެއް ނެތުމުން އުފެދެމުން ދިޔަ ސުވާލުތަކެވެ. އަހަންނަށް އެއް ކަމެއް ޔަޤީންކުރެވުނެވެ. އެއީ ވާފިރު ބޭނުންވީ އޭނާއަކީ ހުސެންފުޅުބޭއަށް އޯގާތެރި މީހެއްކަން އަހަންނަށް އަންގައިދޭން ކަމެވެ. ހުސެންފުޅުބޭގެ ކަންތައްތައް ދެނެގަންނަ މީހެއްކަން ދައްކައިދޭށެވެ. އެހެން ހިތަށް އެރުމުން ވާފިރު ދެއްކިވާހަކަތައް އަހަންނަށްވީ ޖޯކަކަށެވެ. ޚިޔާލުތަކުގެ ދުނިޔެއެއްގައި ހުއްޓާ ހުސެންފުޅުބޭގެ ގެއާ ހަމައަށް އާދެވުނެވެ. އިންފާރު ކައިރީ އަހަރެން މަޑުކޮށްލީމެވެ. އަހަރެންގެ އަތުން ހުސެންފުޅުބޭ ދޫކޮށްލިއެވެ. ގޯތިތެރެއަށް ވަންނަމުން އަހަރެންނާ ދިމާއަށް ބަލައިލިއެވެ. ފަނޑުއަލިކަމުގެ ތެރެއިން ވެސް އެ މޫނުމަތީގައިވާ ލުއި ހިނިތުންވުން އަހަރެންނަށް ފާހަގަވިއެވެ.
އިންފާރުގައި ހިފަހައްޓައިލައިގެން އަހަރެން ހުރީމެވެ. ކުރިމަތިން ހުސެންފުޅުބޭ ގެއްލެންދެންނެވެ. ގޭތެރެއަށް ވަންނަންދެންނެވެ. ހުސެންފުޅުބޭ ގޭތެރެއަށް ވަނުމުން އަހަރެން ގެއާދިމާއަށް ދިޔުމަށް އެނބުރިލީމެވެ.
"ރަމޫ." ގޭތެރެއިން އަންހެނަކު ގޮވާލިއަޑު އިވުނެވެ.
"އޯތް މަންމާ!"

ޖަވާބު އަޑު އިވިފައި އަހަރެން ގަނޑުވިއެވެ. ކުއްލިއަކަށް ފަހަތް ބަލައިލެވުނެވެ. މީހަކު ފެންނާކަށް ނެތެވެ. އަހަރެންނަށް މި ވަނީ ކީއް ހެއްޔެވެ؟ ކުއްލިކުއްލިއަށް ސިހުން މި ލިބެނީ ކީއްވެ ހެއްޔެވެ؟ ވާފިރުގެ ތަސްވީރު އަހަރެންގެ ސިކުނޑީގައި ކުރެހެންވީ ކީއްވެ ހެއްޔެވެ؟ އެ މުސްކުޅިޔާގެ މޫނުމަތިން އެ ފެންނަނީ ކޮން ކަމެއް ހެއްޔެވެ؟ އަނެއްކާ އަނެއް ކަންތައް ހޯދަން މަޖުބޫރު ވަނީ ހެއްޔެވެ؟ އެ އަންހެން ކުއްޖާގެ އަޑުގެ ސިއްރަކީ ކޮބައިތޯ ބަލަންވީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން މި ރަށަށް އައީ އެހެން ބޭނުމެއްގައެވެ. އެހެންކަމެއް ހާސިލުކުރުމަށެވެ. އެކަމަށްވުރެ އަހަރެންނަށް މުހިއްމު ވެގެން މި އުޅެނީ ކޮންކަމެއް ހެއްޔެވެ؟
ލަސް ފިވަޅުތަކެއް ދޫކުރަމުން އަހަރެންނަށް ގެއާ ހަމައަށް އާދެވުނު އިރު އާދަނު އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.
"އަހަރެން ސުވާލެއް ކޮށްލަންތަ؟" އާދަނުގެ ސައިކަލުގެ ފަހަތަށް އަރަމުންް އަހަރެން އަހައިލީމެވެ.
އާދަނު ހޫން އަޅުވައިލިއެވެ.

"މަށަށް މި ސުވާލުގެ ޖަވާބު ދީބަލަ!" އަހަރެން އާދޭހުގެ ރާގެއްގައި ބުނެލީމެވެ.
އާދަނު ސައިކަލް ދުއްވައިލިއެވެ. ޖަވާބެއް ނުލިބުނެވެ.
"މިއަދު އެއްކަލަ ތަނުން ދިމާވި ވާފިރަކީ ކޮން ކަހަލަ މީހެއް؟" ފަނުން ހަދާފައިވާ ހަޓެއްގެ ތެރެއަށް ވަދެ ހަމަޖެހިލަމުން އަހަރެން ސުވާލު ތަކުރާރުކޮށްލީމެވެ.

"އެ ވަރަށް ކަންނެތް މީހެއް. އަބަދު ކަމަކީ ރާޒުވާ ކުޅުން. ދުވާލު ކަމަކަށް އޮންނާނީ ނިދުން. މެންދުރު ފަހު ކަމަކީ ރާޒުވާ ކުޅުން. މަ ބުނީމެއްނު އެ ގަޑީގަ ވެސް." އާދަނު އޯޑަރު ދިނެވެ.
"ތިގޮތަކަށް ނޫނޭ." އަހަރެން ބޭނުންވާ ޖަވާބު ނުލިބުމުން ސުވާލުކޮށްލީމެވެ.
"ދެން ކޮން؟" އާދަނު ހައިރާންކަމާއެކު ބަލައިލިއެވެ.
"އޭނާގެ ދަރިން. އަނބި؟ ގޭގައި އުޅޭ މީހުން؟" ދުރުދުރުން އަހަރެން ބޭނުންވާ ދިމާއަށް އާދަނުގެ ޖަވާބު ގެންދެވޭތޯ ބެލީ ޔަޤީންކުރާށެވެ.

"ކުރިން ވާފިރަކީ ވަރަށް ހީވާގި މީހެއް. ވަރަށް މަސައްކަތްތެރި މީހެއް. މި ރަށުގައި އޭރު ހުރި އެންމެ ޒުވާން ކެޔޮޅަކީ ވެސް އޭނާ. އޭރު ވަރަށް މުރާލި ވެސް ވާނެ. ވަރަށް ރީތިކޮށް އަބަދު ހުންނާނީ ވެސް. ފެންވަރާ ނަލަވެގެން، މިހާރު އެ ހުންނަހެން ނެއް ނޫން،" އާދަނު އޮޅުން ފިލުވައިދިނެވެ. "އެކަމަކު މީހަކާ އިނުމަށްފަހު އެ ހުރިހާ ކަމެއް ގެއްލުނީ. ބައެއް މީހުން ކިޔާ އޭނާއަށް ބަޔަކު ފަންޑިތަ ހަދައިގެން ދުނިޔެ މަތިން ފޫހިކޮށްލީއޭ ވެސް. އަނެއް ބަޔަކު ކިޔަނީ މަސައްކަތް ކުރުމާ ދުރުވާ ކަހަލަ ފަންޑިތަ ހެދީއްޔޭ."

"އެކަހަލަ ފަންޑިތަ ވެސް ހަދައިތަ؟" އަހަރެން އަހައިލީމެވެ.
"ޒަޔާނަކަށް ނޭނގޭތަ؟" އާދަނު ހޭންފެށިއެވެ.

"ދެން މީހުން ދައްކާނެ ފާޑުފާޑުގެ ވާހަކަ. އަދި ވެސް ރާއްޖޭގަ ވެސް ސިހުރު ވެސް، ފަންޑިތަ ވެސް ހަދާ. އެކަމަކު އެއީ އަހަރުމެންގެ ދީނުގައި ނަހީކުރައްވާފަ ވާކަމެއް،" އަހަރެން ބުނެލީމެވެ. "ސިހުރު ހަދާމީހާ މުއުމިނެއްގެ ގޮތުގައި ހުރެ ސިހުރެއް ނުހާދާނެކަމަށް ވަނީ. މިހާރުގެ ޒުވާނުން ވެސް އެކަން ކުރާކަމަށްވަނީ."

"މީހުންނަށް އެއީ ކިހައި ގޯސްކަމެއްކަން ނުވިސްނެނީ،" އާދަނު ވެސް ބައިވެރިވެލިއެވެ. "އަސްލު ވާފިރަށް އެހެންވީ ސިހުރަކުން، ފަންޑިތައަކުން ވެސް ނޫން. އޭނާ ޖާހިލީ. ގޮތްދޫ ނުކުރަނީ. ޒަޔާނަށް މިއަދު ދިމާވިއެއްނު ހުސެންފުޅުބޭ. އެމީހާ ފަކީރޭ އެ ގޭގައި ކުރާހާ ކަމެއް އެ ކުރަނީ. ފިރިހެނަކު ގޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް އެ ކުރަނީ އެމީހާ ފަކީރު. އަދި އެނގޭތަ މީގަ މޮޅުތަންކޮޅު."

ޝައުޤުވެރިކަމާއެކު އަހަރެން ހޫން އަޅުވައިލީމެވެ. ކުރިއަށް ގެންދާށޭ ބުނާ ރާގެއްގައެވެ.
"އެ މުސްކުޅިޔާއަށް ސަރުކާރުން އެދޭ ފައިސާއިން ގޭތެރޭގެ ޚަރަދު ބަލަހައްޓާނީ. ދެން ދެ ކޮޅު ނުޖެހިގެން އެ މުސްކުޅިޔާ މީހުންނަށް ގުލާން ކޮށްދީގެން ލިބޭ ފައިސާ ވެސް ޚަރަދު ކުރާނީ ގެއަށް. އެ ވާފިރު އާއްމުކޮށް ކައި އުޅޭނީ ހޮޓަލުން. އެވެސް ލޭންދޭނަށް،" އާދަނު ފުން ނޭވާއެއް ލިއެވެ. "އެ ކިހައި ގޯސްކަމެއް. އެ ބަޔަކު ޚަރަދު ކުރަން ވާނީ އެ ބަޔަކަށް ލިބޭ ވަރަކުން. ލޭންދޭނަށް އެއްޗެހި ނެގުމަކީ ކިހައި ދަށު ދަރަޖައިގެ ކަމެއް."
"އެ މުސްކުޅިޔާގެ އެހެން ދަރިއަކު ވެސް ނުހުރޭތަ؟" އަހަރެން އަވަސް އަވަހަށް އަހައިލީމެވެ. "ވާފިރުގެ ވެސް ބޮޑުވެފަ ދަރިއަކު ނުހުރޭތަ؟"

"އެ މީހާގެ ހުންނަނީ ހަމައެކަނި ވާފިރުގެ އަންހެނުން،" އާދަނު ކޮފީ ތަށިގައި ތުންޖަހައިލިއެވެ. "ވާފިރުގެ ހުންނާނެ ރީތި މަންޖެއެއް. އެ މަންޖެ ވެސް އުޅެނީ މާލޭ މުއްސަންޖަކާ އިނދެގެން ދާންވެގެންނޯ. އަހަރެން ހިތަށް އަރާ ޒަޔާން ކީއްކުރަންބާއޭ ތި ހުރިހާ ކަމެއް ތި ހޯދަނީ؟ އަނެއްކާ ޒަޔާންނަކީ ނޫސްވެރިއަކީތަ؟"

"ނޫސްވެރިންވީމަތަ ވަކި ކަމެއް އަހައިލެވޭނީ؟" އަހަރެން ހޭންފެށީމެވެ. "ހިނގާދާން. މާދަމާއަކީ އަހަރެންގެ މަސައްކަތް ފަށަން ޖެހޭ ދުވަސް ފަތިހުފަތިހާ ހޭލަން ވެސް ޖެހޭނެ."

ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީމެވެ. ނިދީގެ ރާނީ އަހަންނާ ރުޅީ ކަން ނޭނގެއެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. ހޯދަން ބޭނުންވާ އެތަކެއް ސުވާލުތަކެއް އުތުރި އަރަމުން ދިޔައެވެ. ގަޑި ބަލައިލީމެވެ. ގަޑިން ބާރަ ޖަހަނީއެވެ. ފޯނު ނަގައި ބަލައިލީމެވެ. ފޭސްބުކަށް ވަދެބަލައިލީމެވެ.

"ކޮބައި ކިހިނެއް ވަނީ؟ ގެއިން ބޭރަށް އެކަނި ނުކުންނަށް ޖެހިލުންވޭތަ؟ ކޮޓަރި ތަޅު ނުލައި ބޭރަށް ދެވޭތަ؟ މީހެއްގެ އުނދަގުލެއްނެތި މަގުމަތީ ހިނގައިފައި ދެވޭތަ؟" ލޮގިންވާ އިރަށް ރަމުލާ ސުވާލުކޮށްލިއެވެ.
ޖެއްސުމުގެ ރާގުގައެވެ. ހީވަނީ އަހަރެން ނުފެނިގެން ކެތްމަދުވެފައި ހުރި ހެންނެވެ.

"މި އުޅެނީ. މިހާރު ހޭނިއްޖެ. ވަރަށް ގިނަ ކަންތައް ދަސްވެއްޖެ. ޔަޤީން އަހަރެންނަށް ކޮންމެ ހާލެއްގައި ވެސް އުޅެވިދާނެކަން. އެއްވެސް ހާސްކަމެއް ނެތް. މިއޭ އަސްލު ދިވެހިރާއްޖެއަކީ. މާލެއަކީ ކޮންކްރިޓް ޖަލެއް،" އަހަރެން ދެތިކިޕީ ފޮނުވައިލީމެވެ. "އައި ލަވް ޖަޒީރާ މޯލްޑިވްސް."

"ކިހިނެއް އަހަރެން ޤަބޫލުކުރަނީ؟ ޤަބޫލެއް ނުކުރެވޭ." އިނގިރޭސިބަހުން ރަމުލާ ލިޔެލިއެވެ.
"އޯކޭ. މަ ގުޅާނަން. ދީ ވަގުތު ކޮޅެއް." އަހަރެން ފާޚާނާއަށް ވަދެ ތާޒާވެލީމެވެ.
ލޯގަނޑު ކުރިމަތީ ހުރެ ފަރުވާތެރިކަމާއެކު ބޮލުގެ އިސްތަށިތައް ހިއްލައި ތަރުތީބުކޮށްލީމެވެ. ސެންޓުން ފެންވަރައި ލަމުންނެވެ. މަޑުމަޑުން ކޮޓަރިން ނުކުމެގެން ދިޔައީމެވެ.

ދިހަވަރަކަށް މިނެޓު ހިނގައިލެވުނު އިރަށް އަޑެއް އިވޭހެން ހީވެގެން ހުއްޓިލީމެވެ. ހިތުގައި ބިރުވެރިކަން އުތުރި އަރަމުން ދިޔައެވެ. އަޑުއަންނަ ދިމާއަށް މަޑުމަޑު ހިނގައިގަތީމެވެ. އިންފާރުގެ ފަހަތުން އަންނަ އަޑެއްކަން ޔަޤީންވުމުން އެ ގޭގެ އިންފާރުގެ އެތެރެއަށް ވަދެ ބަލައިލީމެވެ. އެއީ ހަމަ އެ މުސްކުޅިޔާއެވެ. ހުސެންފުޅުބޭއެވެ. ދަންވަރުގެ އެ ވަގުތުގައި ގޯތިތެރޭ ކުނި ކަހަނީއެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލެންފެށުނެވެ. ކުރަން އާ ކަންތައް ހަނދާން ނެތުނެވެ. ފޯނު ރިންގުވާން ފެށީ އެ ވަގުތުއެވެ.
"ނުކުމޭ، މިހުރީ ތިގޭ ގޯތި ތެރޭގައި." އަޑުބެދެމުން ބެދުމުން އަހަންނަން ބުނެވުނީ އެ ވަރަށެވެ.

ގޭގެ ބޮޑު ދޮރު ހުޅުވާލެވުނެވެ. ހުދުކުލައިގެ ރީތި ހެދުމެއްގައި ހުރި ޒުވާނަކު ނުކުތެވެ. މަޑުމަޑުން ހިނގައިފައި އަހަންނާ ދިމާއަށް އައެވެ. އާއެކެވެ. އެއީ އަހަރެންގެ ހިތުގެ ހުންގާނު ދޫންޏެވެ. ހަޔާތުގެ ތަސްވީރެވެ. އަހަރެންގެ ރަމުލާއެވެ. އަހަރެން މި ދަތުރު މިކުރީ ރަމުލާ ހޯދުމަށެވެ. ރަމުލާ ދެރަދީގެން އޭނާ ދެކެ ލޯބިވާކަން ކަށަވަރުކޮށްދޭށެވެ. އަހަރެން ގެނައި ރަތްފިނިފެންމާ ނަގައި ރަމުލާއަށް ދިއްކޮށްލީމެވެ. ރަމުލާ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.

"ޤަބޫލުކޮށްފިން. ޒަޔާން އަހަރެންދެކެ ލޯބިވާކަން. ވަރަށް ވަރަށް ބޮޑަށް ލޯބިވާކަން." ރަމުލާ އިސްއުފުލާ ބަލައިލިއެވެ. އަހަރެންގެ ފަރާތުން ޖަވާބެއް ނައުމުންނެވެ.

އަހަރެންނަށް ހުރެވުނީއެވެ. ހުއްޓުން އަރާފައެވެ. ގަނޑުވެފައެވެ.
ހުސެންފުޅުބޭ ރަމުލާގެ ފުރަގަހުގައި ހިނިތުންވެގެން ހުއްޓެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ދަރިފުޅާ. އަބަދުވެސް ހަނދާންކުރާތި އެ ކުއްޖަކު ދެކެ ލޯބިވާ ކުއްޖަކު ހޯދަން. އެހެން ނޫނީ." މުސްކުޅި ރާގުގައި ހުސެންފުޅުބޭ ބުނެލިއެވެ.

"އެހެންނޫނީ؟" އަހަރެންގެ ހިތުގައި އޮތް ސުވާލަށް ޖަވާބު ބޭނުންވިއެވެ.
"އެހެންނޫނީ. ކާފަ މި އުޅޭހެން އުޅެން ޖެހިދާނެ." ލަސްލަހުން ހުސެންފުޅުބޭ އިސްޖަހައިލިއެވެ.
"އަހަންނަކަށް ނުވިސްނުނު." އަހަރެން ބުނެލީމެވެ.

"އަހަރެންގެ މަންމައާ ބައްޕަ ކައިވެންޏަކީ ބައްޕަގެ މަންމަ، އަހަރެންގެ މާމަގެ ވަސިއްޔަތެއް ފުރިހަމަ ކުރަން މި ކާފަ ކުރުވި ކަމެއް. އެހެންވެ ބައްޕަ ހުންނަނީ ކާފަދެކެ ރުޅިއައިސް. ބައްޕަ ޤަބޫލުކުރަނީ ކާފަކުރުވި ކައިވެންޏެއް ވީމަ ދިރިއުޅުން ބަލަހައްޓަން ޖެހޭނީ ކާފަކަމަށް." ރަމުލާގެ އަޑު ފަނޑުވިއެވެ.

"ސުބުހާނަﷲ،" އަހަރެންގެ ހިތް ކަރުނުން ފޯވިއެވެ. "އެއްވެސް މަޔަކު އަދި ބަފަކު ވެސް އެ މީހެއްގެ ދަރިއަކަށް ގޯސް މަގެއް ނުދައްކާނެ. ދެރައެއް ދޭކަށް ބޭނުމެއް ނުވާނެ. މައިންބަފައިން މުސްކުޅިވި ދުވަހު ދަރިންގެ ކަންކަން އެ މީހުންނަށް ކުރަން ހަވާލުކުރުމަކީ ކޮންފަދަ ދަށު ދަރަޖައިގެ ކަމެއް. އެމ ީހުން އަހަރުމެން ބަލައި ބޮޑު ކުރަނީ ކޮންފަދަ ހާލެއްގަ. ކިތައް ކިތައް ބުރަ އުފުލައިގެން؟ ކިތައް ދާ އޮހޮރުވައިގެން؟ ކާފަ ވެސް އެ ނިންމުން އެ ނިންމީ މަންމައާ ބައްޕަގެ ކުރިމަގަށް ޓަކައި."

"އަހަރެން ވަރަށް ވިސްނައިދިނިން. އެކަމު ބައްޕަގެ ބޯހަރީ. ގޮތްދޫ ނުކުރަނީ. ޒިންމާ ނަގަން ވެސް މިހާރު ބޭނުންނުވަނީ،" ރަމުލާގެ އަޑު ބަދަލުވިއެވެ. "އަހަރުމެންނަށް އޮންނަނީ ގޭތެރޭގެ ކަމެއް ކުރުން ވެސް މަނާކޮށްފަ! ހުރިހާ ކަމެއް ކުރުވަނީ ކާފަ ލައްވާ."

"ރަމުލާ ވެސް ނުވާނެ އެހެން ކަންތައް ކުރާކަށް. ﷲ ނުރުއްސަވާނެ. ކޮންފަދަ ހާލެއްގަ އެ ފަކީރު އެ އުޅުނީ. އަހަރެންމީ ދުރުހިލޭ މީހާ. އަހަރެންގެ ލަނގޮޑިއަށް ކެތް ނުވިއިރު. އެއް ލޭ ހިނގާ މީހުންގެ ހާލުހުރި ގޮތަކީ ތީ،" އަހަރެން ހިތް އެއްކޮށް ބަންޑުންވިއެވެ. "ރަމުލާދެކެ އަހަރެން ޙަޤީޤީ ލޯބި ނުވާނަމަ އަހަރެން ރަމުލާ ވެސް ބަލައެއް ނުގަތީމު. އަހަރެން ރަމުލާ ބަލައި މި ގަންނަނީ މި މުސްކުޅިޔާގެ ޙައްޤުގައި. އެ ފަކީރަށް ލިބެމުން އެދާ އަނިޔާތަކުން އެ ފަކީރު ސަލާމަތްވާން ކުރުމަށް އަހަންނަށް ފުރުޞަތު އޮތީ ރަމުލާ ބަލައިގަނެގެން ކަމަށްވާތީ."

ރަމުލާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭރު ހުސެންފުޅުބޭ އައިސް އަހަރެންގެ އަތުގައި ހިފައިލިއެވެ. ދެ ފަރާތަށް ބޯހޫރުވާލަމުންނެވެ. ދެކޮޅު ނުހަދާށޭ ބުނާ ބީދައިންނެވެ.

"އަހަރެންގެ ރަމުލާ މި ބަލައިގަންނަނީ މި މުސްކުޅިޔާގެ ޙައްޤުގައި." އަހަރެންގެ އެއްފަރާތުގައި ރަމުލާ ހުއްޓެވެ. އަނެއް ފަރާތުގައި ހުސެންފުޅެބޭ ހުއްޓެވެ. ދެ މީހުން ވެސް އަހަރެންގެ މޭގައި ލެނގިލިއެވެ. އަހަރެންގެ ހިމާޔަތަށް ބޭނުން ވެގެންނެވެ.
(ނިމުނީ)
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް