އޭސީޕީ ފައިރޫޝް ރިޓަޔާ ކުރެއްވިކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވަނީ ފުލުހުންގެ މުއައްސަސާއަށް ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެއާއި ވިދިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުުގެ ހެންވޭރި ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ސީޕީ ހަމީދު ޓެގް ކުރައްވައި "ޝޭމް އޮން ޔޫ" މިފަދައިން ވިދާޅުވެ ސީޕީ ހަމީދުގެ ބަސްފުޅަށް ނުރުހުން ފާޅުކުރައްވާފަ އެވެ.
އޭގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ އަދި ރައްޔިތުންފެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގްވެސް ވަނީ ސީޕީ ހަމީދުގެ ބަސްކޮޅަށް ރައްދުދެއްވާފައެވެ. އެގޮތުން ފައިރޫޝް ފުލުހުންގެ ހިދުމަތުގައި ކުރެއްވީ އަގުހުރި ހިދުމަތްތަކެއްކަމަށް ސީޕީ ހަމީދި ވިދާޅުވީ ވިދާޅުވުމަށް ރައްދު ދެއްވައި މެމްބަރު ޝަފީގް ވަނީ ވީޑިއޯއެއް ދޫކޮށްލައްވާފައެވެ.
އެ ވީޑިއޯއަކީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު، ހަތެއް ފެބްރުއަރީގެ ހަމަނުޖެހުމުގެ ތެރެއިން އެ ސަރަހައްދުގައި އޭރު ހަރަކާތްތެރިވި ފުލުހުންނާއި ސިފައިންނަށް މުހާތަބު ކުރައްވާ ފައިރޫޝް ވާހަކަ ދައްކަވާ މަންޒަރު ފެނިގެންދާ ވީޑިއޯއެކެވެ.
އެގޮތުން އެ ވީޑިއޯގައި، އެވަގުތު ހިނގަމުންދިޔަ ހަމަނުޖެހުމާއި ގުޅިގެން، އެ ރޭ ހިނގާދިޔަ ހާދިސާތަކަށް ފަހު، ފުލުހުންނާއި ސިފައިންނާއި ރައްޔިތުންނާއި އެއްބައިވެގެން މިކުރަމުންދިޔަ ހާއްސަ މަސައްކަތުގެ ނަތީޖާއެއްގެ ފޮނިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ޔަގީންކުރާ ކަމަށް ފައިރޫޝް ވިދާޅުވާ މަންޒަރު ފެނެއެވެ.
ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު ގާނޫނާ ހިލާފަށް ފުލުހުންގެ އިދާރާއާ ހަވާލުވި ބޭފުޅާ އެވެ. ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި މި ސަރުކާރުގައި ވެސް ފައިރޫޝް ހުންނެވުމުން އެމްޑީޕީން ވަނީ ފާޑުކިޔާފަ އެވެ.