އެމެރިކާގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ލެރީ ކިންގަށް މިހާރު އަންނަނީ އެމެރިކާގެ ލޮސް އެންޖަލެސްގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ. އެގޮތުން ލެރީގެ އާއިލާ އާ ހަވާލާދީ ސީއެންއެން އާއި އޭބީސީ ނިއުސް އިން މައުލޫމާތުދޭ ގޮތުގައި ލެރީ އަށް ލޮސް އެންޖަލެސްގެ ސެޑާސް-ސިނާއީ މެޑިކަލް ސެންޓަރުގައި ފަރުވާދެމުން އަންނަތާ ހަފްތާއެއް ވެއްޖެ އެވެ.
ފަސްދޮޅަސް އަހަރަށް ވުރެ ގިނަ ދުވަހު ޓީވީ ޝޯ ހުށަހެޅުމުގައި މަސައްކަތްކޮށްފައިވާ ލެރީ ކިންގަށް ބައިވަރު އެވޯޑްތައް ލިބިފައިވާ އިރު، އޭގެ ތެރޭގައި ދެ ޕީބޮޑީ އެވޯޑާއި އެއް އެމީ އެވޯޑް ހިމެނެ އެވެ.
މީގެ ކުރިން ވެސް ބައިވަރު ސިއްހީ މައްސަލަތައް ލެރީ ކިންގަށް ދިމާވެފައިވާ އިރު، އޭގެ ތެރޭގައި ހަކުރު ބައްޔާއި، ހާޓް އެޓޭކްގެ އިތުރުން ފުއްޕާމޭގެ ކެންސަރު ވެސް ހިމެނެ އެވެ.
ލެރީ ކިންގް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެމެރިކާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާ އަކުން ކަށަވަރުކޮށްދީފައިވާ އިރު، ލެރީއަށް ފަރުވާދެމުންދަނީ އެކަހެރިކޮށްގެން ކަމަށާއި، އޭނާގެ އާއިލާއަށް ވެސް ޒިޔާރަތްކުރުމުގެ ހުއްދަދީފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ލެރީ ކިންގް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ 1970 ވަނަ އަހަރުތަކުގެ ތެރޭގައި އޭނާ ހުށަހަޅައިދިން ރޭޑިއޯ ޕްރޮގްރާމް "ދަ ލެރީ ކިންގް ޝޯ" އިންނެވެ.
އޭގެ ފަހުން އޭނާ ވަނީ 25 އަހަރު ވަންދެން 1985 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް "ލެރީ ކިންގް ލައިވް" ގެ ނަމުގައި ސީއެންއެންގައި ޕްރޮގްރާމް ހުށަހަޅައިދީފަ އެވެ. އެ ޕްރޮގްރާމްގައި ގިނަ މަޝްހޫރު ޝަހްސިއްޔަތުންނާއި ލެރީ އިންޓަވިއުކޮށްފައިވެ އެވެ.
1988 ވަނަ އަހަރު "ލެރީ ކިންގް ކާޑިއެކް ފައުންޑޭޝަން" ގެ ނަމުގައި ލޭރީ ކިންގް ވަނީ މެޑިކަލް އިންޝުއަރެންސް ނެތް ފަރާތްތަކަށާއި، މާލީ ގޮތުން ދަތި ފަރާތްތަކަށް އަމާޒުކޮށްގެން އެހީދޭ ޖަމިއްޔާއެއް އުފައްދާފަ އެވެ.