އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ އަބްދުﷲ ފައިރޫޝް އަމިއްލައަށް ރިޓަޔާކުރެއްވުމުން، ފައިރޫޝްގެ އަގުވަޒަން ކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓަކާ ގުޅިގެން އެމްޑީޕީގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ފައިރޫޝްއަކީ 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވި ފުލުހެއްގެ އިތުރުން ވެރިކަން ވެއްޓުމުން ފުލުހުންގެ އިދާރާއާ ހަވާލުވި ފުލުހުންގެ އިސްވެރިއެކެވެ.
އެހެންކަމުން ފައިރޫޝްގެ ހިދުމަތުގެ އަގުވަޒަންކޮށް ސީޕީ ހަމީދު ޓްވީޓު ކުރެއްވުމުން، އެއީ "ބަގާވާތުގައި ބައިވެރިވި" މީހެއްގެ އަގު ވަޒަން ކުރުންކަން ދޭހަވާ ފަދަ މޭރުމަކުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި އިޔާޒް ވިދާޅުވީ، ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތައް ބަލައި އެކުލަވާލި ކޯނީ ރިޕޯޓުގައި ވަރަށް ސާފުކޮށް، ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ބުނެފައިވާ ކަމަށެވެ.
މީހަކަށް މަރުހަބާ ކިއުމުގެ ކުރިން ނުވަތަ އަގު ވަޒަން ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހޭ ކަމަށް އިޔާޒް ވިދާޅުވި އެވެ.
އިޔާޒްގެ އިތުރު ޓްވީޓެއްގައި ވިދާޅުވީ ފެނާއި ތެޔޮ އެއްޗެއްގެ ތެރޭގައި އެއް ނުވާ ފަދައިން އީމާންކަމާއި ކުފްރު އެއް ހިތެއްގައި އެއް ނުވާނެ ކަމަށެވެ. އަދި ނަޝީދުގެ އިސްތިއުފާ އާއި މަސްތުވާތަކެއްޗާ ގުޅުވާ ވެސް ފާޑުވިދާޅުވި އެވެ.
އިޔާޒު ވާހަކަދައްކަވާފައި ވަނީ ނަޝީދަކީ ކުފުރުވެފައި ހުންނެވި ބޭފުޅެއްކަން ދޭހަވާ ފަދަ މޭރުމަކުންނެވެ. އެގޮތުން ﷲ ގެ އެއްކައުވަންތަކަން ގަބޫލު ކުރާ މީހަކު ކްރިސްމަސް ފާހަގަކުރުމުގައި ބައިވެރި ނުވާނެ ކަމަށް އިޔާޒް ވިދާޅުވި އެވެ.