ads
އުމަރު ނަސީރު--
އަދީބުގެ ނުބައި އަމަލުތަކަށް ފާޅުގައި ފައިރޫޝް ނޫނެކޭ ބުނި: އުމަރު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނުބައި އަމަލުތަކަށް، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު ހިދުމަތުން ރިޓަޔާކުރެއްވި ޑރ. އަބްދުﷲ ފައިރޫޝް ފާޅުގައި ނޫނެކޭ ވިދާޅުވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
Advertisement

ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އުމަރު ހިއްސާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފައިރޫޝަކީ ވަރަށް ތައުލީމީ އަދި ހުނަރުވެރި އޮފިސަރެއް ކަމަށެވެ.

އޭގެ އިތުރުން ފައިރޫޝަކީ ގޯހަށް ގޯހޭ ބުނަން ކެރޭ، ޢައިރު ގާނޫނީ އަމަލުތަކަށް ތަބާ ނުވާނެ ކަމަށް ބުނަން ކެރޭ ބޭފުޅެއް ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އަދީބު ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު ފައިރޫޝަކީ އަދީބަށް ފާޅުގައި ނޫނެކޭ ބުނަން ކެރުނު މަދު އޮފިސަރުންގެ ތެރޭ ހިމެނުނު ބޭފުޅެއް ކަމަށެވެ. އަދި ފުލުހުންގެ މަދު ބަޔަކު ބޭނުންކޮށްގެން އަދީބު ހިންގަމުން ދިޔަ ޢައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުގައި ފައިރޫޝް އުމަރަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ކަމަށް އުމަރު ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން ފައިރޫޝްގެ ޒިންމާ ކުޑަކޮށް، 'އެހެލަން' މަސައްކަތް ކުރެވުނު. ގޭންގެއް ބޭނުންކޮށްގެން ފައިރޫޝްގެ ފުރާނަ ދުއްވާލަން ރޭވޭ ކަމުގެ މައުލޫމާތު ލިބި، ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރެވުނު," އުމަރު ވިދާޅުވި އެވެ.

މިއަދު ވެސް ފައިރޫޝަށް ދަންނަވަން އޮތީ އޭރުވެސް ދެންނެވި ވާހަކަ ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނެވުމަށް އުމަރު ފައިރޫޝަށް ނަސޭހަތްތެރިވި އެވެ. އަދި "ސިޔާސީ ޖާހިލުން" ގެ އަތަށް މިގައުމު ދޫނުކޮށް، ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭގައި ދެމި ހުންނެވުމަށް އުމަރު ނަސޭހަތްތެރިވި އެވެ.

ފައިރޫޝް ރިޓަޔާކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގަ އެވެ.

ފައިރޫޝް، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ވަޒީފާއާ ގުޅިވަޑައިގަތީ 1998 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހެވެ. އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓްވެވަޑައިގެންނެވީ 31 މާޗު 2012 ގަ އެވެ. 

ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު ގާނޫނާ ހިލާފަށް ފުލުހުންގެ އިދާރާއާ ހަވާލުވި ބޭފުޅާ އެވެ. ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި މި ސަރުކާރުގައި ވެސް ފައިރޫޝް ހުންނެވުމުން އެމްޑީޕީން ވަނީ ފާޑުކިޔާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް